ވެރިކަން ވެއްޓުމާ ގުޅިގެން ރަޝިއާ އަށް ވަޑައިގެން އެ ގައުމުގައި މިހާރު ހުންނެވި ސީރިއާގެ ކުރީގެ ރައީސް ބަޝާރުލް އަސަދުގެ ގާތުން ވަރިވާން އަނބިކަނބަލުން އަސްމާ ނިންމަވައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައިވާ އިރު، ރަޝިއާ ދޫކުރައްވައި، އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދައަށް އެދި މޮސްކޯގެ ކޯޓަށް ހުށަހެޅުއްވީ އިއްޔެ އެވެ. އަސްމާ އަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން ބޭފުޅެކެވެ. އޭނަގެ އަތުގައި ދެ ގައުމުގެ ރަށްވެހިކަން ވެސް އޮވެ އެވެ.
އަސަދު، 59، އި އަސްމާ، 49، އަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. އަސަދާއި އަސްމާ ކައިވެނި ބައްލަވައިގަތީ ސީރިއާގެ ވެރިކަމަށް ބަޝާރު ވަޑައިގެންނެވި އަަރު ކަމަށްވާ 2000 ވަނަ އަހަރުގަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަސަދު ގާތުން އަސްމާ ވަރިވާން ނިންމެވީ "ވާނުވާ" ގައި މޮސްކޯގައި ދިރިއުޅުއްވަން ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.
ވެރިކަމުގައި ހުންނަވާތާ 24 އަހަރު ފަހުން އަސަދުގެ ވެރިކަން ވެއްޓުނީ މި މަހުގެ 8 ގަ އެވެ. އެއާ އެކީ އޭނަ ވަނީ ރަޝިއާގެ އެހީގައި ފިއްލަވައިގެން އެ ގައުމަށް ވަޑައިގެންފަ އެވެ.