ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ދެމުން އަންނަ ޝަރަފްވެރި އެވޯޑެއް ކަމަށްވާ "ސައުތު އޭޝިއަން ބިޒަންސް އެކްސެލެންސް އެވޯޑް 2024" ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް) އަށް ލިބިއްޖެ އެވެ.
އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 20 ގައި އޮތް އެވޯޑް ދިނުމުގެ ހަފުލާގައި އެ ކުންފުންޏަށް ލިބުނީ "އިނޮވޭޓިވް ލާނިން އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ.
"އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލް އަށް މުޅިން އަލަށް ލިބުނު އެވޯޑެކެވެ. "އިނޮވޭޓިވް ލާނިން އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑް ލިބުނީ މުވައްޒަފުން ކުރިއަރުވައި ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށެވެ.
އެމްޕީއެލް އަށް ދެ އެވޯޑް ވެސް ލިބުނީ ދެކުނު އޭޝިއާގެ 7 ގައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށެވެ.
"ސައުތު އޭޝިއަން ބިޒަންސް އެކްސެލެންސް އެވޯޑްސް" އަކީ ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާހައުލެއްގައި ވިޔަފާރި ފުޅާކުރުމާއި، ތަރައްގީކުރުމާއި، ޒަމާނީކުރުމަށް ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ދެމުން އަންނައެވޯޑެކެވެ.
އެވޯޑު ދެނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓްކޮށެވެ. އެގޮތުން މި ފަހަރު 17 ދާއިރާއަކުން އެވޯޑް ދީފައިވެ އެވެ.