Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ފެނަކައިގެ އެމްޑީ އިސްތިއުފާ ދީފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުއާޒު އިސްތިއުފާ ދެއްވިކަން ކަށަވަރިކޮށް ދެއްވައި އިސްތިއުފާ ސިޓީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އޭނަ ވިދާޅުވެފައި ވަނީ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެއް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގަން ދިމާވި ގޮންޖެހުންތަކާއި ދަތިތަކާ އެކުގައި ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ ކުންފުނިތަކަކީ ލިބޭ އާމްދަނީން ހިންގަން ޖެހޭ ތަންތަން ކަމަށް ވިޔަސް ފެނަކައިގެ މާލީ ހާލަތު އޮތްގޮތުން އެކަން އެގޮތަށް ކުރަން ފެނަކަ އަށް ދަތިވެފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ އޭގެ ސަބަބުތަކުގެ ތެރޭގައި ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުން ހިމެނޭ ކަމަށެވެ.

ސިޓީގައި މުއާޒު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ހަވާލުވި އިރު 4.3 މިލިއަންގެ ރުފިޔާގެ ދަރަނި އޮތުމާއި ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒްކުރަން ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ވެސް ލިބިފައި ނުވުން ހިމެނޭ ކަމަށެވެ.

"މި ކުންފުނީގެ ބެލެނިވެރި ފަރާތް ކަމަށްވާ މާލީ ވުޒާރާ އަށް މިކަންކަމުގައި ހުރި ދަތިތަކާއި އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށް، ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރު މަތިން ވާނީ ދެންނެވިފައި،" ސިޓީގައި މުއާޒު ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމު ވާން ޖެހުން އެއީ އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތައް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް."

އެހެންވެ ފެނަކަ އަށް ލިބޭ އާމްދަނީ އަށް ވުރެ، ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތުގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާތީ އިސްތިއުފާ ދެއްވަން ނިިންމެވީ ކަމަށް މުއާޒު ވިދާޅުވި އެވެ.