ބޯކޮށް ވާރޭ ވެހި މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ފެންބޮޑުވި ހާދިސާގައި 30 ގެއަކަށް ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެތަނުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެމޭޖު އެސެސްމަންޓް ހަދަން ޖެހޭ ކަމަށް ފާހަގަކުރެވުނު 30 ގެއެއްގެ އެސެސްމަންޓް ހަދައި ނިންމާފައިވާ ކަމަށެވެ. އެގޮތުން ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފައިގެންގުޅޭ ތަކެތި ހަލާކުވުމާއި ބައެއް ގޭގެއިން ސީލިން ފަދަ އިމާރާތުގެ ބައެއް ތަންތަނަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ ލިބިފައިވާ ގެއްލުންތައް ހިސާބުކުރުމާއި އިތުރަށް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިއްސާރައާ ގުޅިގެން 32 މީހަކު ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަން ޖެހުނެވެ. އަދި އެ މީހުން މިހާރު އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީ އާއި ފުލުހަށާއި ސިފައިންނަށް އަދި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 98 ކޯލު ލިބިފައިވާ ކަމަށް ވެސް އެމްޑީއެމްއޭ އިން ބުންޏެވެ. އޭގެ ތެރޭގައި ވެލި ބަސްތާ ޖަހައި ދިނުމަށް 70 ކޯލާއި ގެއްލުންތައް ރިޕޯޓްކުރުމަށް 21 ކޯލްގެ އިތުރުން
ޒަރޫރީ އެހީތެރިކަމަށް އެދިގެން ހަތް ކޯލް ލިބުނެވެ.