ޝާހްރުކް ޚާނާއި އަންހެން ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމު "ދަ ކިންގް" ޑައިރެކްޓްކު ރާނީ ސިދާތު އާނަންދު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނަ އަކީ މިދިޔަ އަހަރު ގެނެސްދިން ޝާހްރުކްގެ "ޕަތާން" ގެ ވެސް ޑައިިރެކްޓަރެވެ. ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދިން "ފައިޓާ" އެވެ.
"ކިންގް" އަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ގުޅިގެން ހަދަން ނިންމާފައިވާ ބޮޑު ބަޖެޓް އެކްޝަން ތުރިލާއެކެވެ. ކުރިން އަޑު އަރާފައިވާ ގޮތުން މި ޑައިރެކްޓް ކުރާނީ މިދިޔަ އަހަރު ކަރީނާ ކަޕޫރްގެ "ޖާނެ ޖާ" ގެނެސްދިން ސުޖޯއި ގޯޝް އެވެ.
ނަމަވެސް މިއަދު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ކިންގް" ސްކްރީންޕްލޭ ލިޔުނީ ސުޖޯއި ކަމަށާއި މި ފިލްމަކީ ވަރަށް ގްރޭންޑްކޮށް، ބޮޑު ސްކޭލަކުން ހަދާ ފިލްމަކަށްވާތީ ފިލްމު ޑައިރެކްޓްކުރާނީ ސިދާތު ކަމަށާއި މިއަށް އެންމެ ރަނގަޅަށް އިންސާފުކޮށް ދެވޭނީ އޭނަ އަށް ކަމަށެވެ. މިއީ އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް ވަރަށް ގިނަ ލޮކޭޝަންތަކެއްގައި ވެސް މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ފިލްމެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ކިންގް" ގެ ޓީމުން މިހާރު ޕްލޭން ކުރަނީ އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ނުވަތަ މާޗް މަހުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށަން ކަމަށެވެ.
މި ފިލްމުގެ ވާހަކަ މީޑިއާތަކުގައި އެކި ގޮތްގޮތަށް ދެކެވޭތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، ރަސްމީކޮށް އަދި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ބަތަލު އަބޭ ވަރުމާ ވެސް ކާސްޓްގައި ހިމެނޭ ފިލްމުގެ ވިލަން އަކީ އަބީޝެކް ބައްޗަނެވެ.
ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ އެކްޓިން އަށް ނުކުތީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ.