ރިސޯޓުތަކަށް އަރައި ގައުމު ހަލަބޮލިކުރަން އެމްޑީޕީން ރާވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ނިހާދު ވިދާޅުވީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އަންނަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ބޭރުން ލިބިދާނެ ފައިސާގެ އެހީ އާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކާ އެމްޑީޕީ އާއި ލޭބާ ޔޫނިއަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅޭ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއްފަޅެއްގެ ތެރޭގައި އޮތް ބޮޑު ތިން ރިސޯޓުގެ ތެރެއިން ރިސޯޓެއްގައި އެ ފަރާތްތަކުން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެން ނެތް ވާހަކަ އެންގުމުން ވެސް އެ ބައްދަލުވުން ބޭއްވުމަށް އެ ރިސޯޓަށް އަރާނެ ކަމަށް ލިޔުމުން އިންޒާރު ދީފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ. މިކަން ކުރަން ރާވާފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކަމަށާއި މިކަމުގެ ފަހަތުގައި ހުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މި ކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުޑާލުމަށްޓަކައި މީގެ ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ،" ނިހާދު ވިދާޅުވި އެވެ.
ނިހާދު ވަނީ މިފަދަ ކަންކަން ކުރަން ރާވަމުން އަންނަނީ ކުރީ ސަރުކާރުން ބަދަލު ދިނުމުގައި ކަންކަން ހިންގާފައިވާ ގޮތް ބަލަން އުޅޭތީ ގައުމު ހަލަބޮލި ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ރިސޯޓުތައް ހުއްޓުވައި ގައުމުގެ އިގްތިސާދު ފުނޑާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި މުޅި ސަރުކާރު އެކީ ނިކުމެ ވެސް މިކަން ހުއްޓުވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.