Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

'ބިންވެރިޔާ' އަކީ ސިޔާސީ ބޭނުމަށް ހިންގި ބޮޑު ސްކޭމެއް

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން މިދިޔަ އަހަރު ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމަކީ ސިޔާސީ މަންފާއަކަށްޓަކައި ހިންގި ބޮޑު ސްކޭމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މި ސްކީމްގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާ އިރު އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "ބިންވެރިޔާ" އަކީ ގާނޫނީ ގޮތުން އުފެދުމުގައި ވެސް ބާތިލު ސްކީމެއް ކަމަށެވެ.

"އެއީ ބަޔަކު ސިޔާސީ މަންފާއަށް ހިންގަން ފެށި ބޮޑު ސްކޭމެއް. އެއީ ގެދޮރުވެރި ކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެއް،" މުހުތާޒް ވިދާޅުވި އެވެ. "އެއީ ގާނޫނާއި ޚިލާފު އުސޫލެއްގެ ތެރެއިން ބަޔަކު ވެފައިވާ ބޮޑު ޚިޔާނާތެއް."

މާލެ ސަރަހައްދުން ގޯތި ދޫކުރަން ފެށި ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ އިން ގޯތި ދިން މައްސަލަ ފެންމަތިވެ، އެ މައްސަލަ މިހާރު ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، ކުންފުނީގެ 15 މުވައްޒަފަކު ވަނީ ވަޒީީފާ އިން ވަކިކޮށްފަ އެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން 9،000 އަށް ގޯތި ދޫކޮށްފައިވެ އެވެ.