Last Updated: July 16, 14:08
Thursday, July 16, 2026
މުނިފޫހިފިލުވުން

ޑައިރެކްޓަރު ޝިއާމް ބެނެގާލް މަރުވެއްޖެ

މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ އިންޑިއާގެ ތަޖުރިބާކާރު ޑައިރެކްޓަރު ޝިއާމް ބެނެގާލް މަރުވެއްޖެ އެވެ.

އުމުރުން 90 އަހަރުގައި އޭނަ މަރުވީ އިއްޔެ އިރާކޮޅު އެވެ. މީޑިއާތަކުން ބުނީ ބެނެގާލް މަރުވީ ކިޑްނީގެ މައްސަލައަކާ ގުޅިގެން މުމްބާއީގެ ވޮކްހާޑްޓް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އޭނަގެ މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ހިތާމަފާޅުކޮށްފައިވެ އެވެ.

ބެނެލާގްގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޯޕަޅީ މުރްމުރް ވެސް ހިތާމަފާޅު ކުރައްވާފައިވެ އެވެ.

ދިގު ފިލްމީ ކެރިއަރުގައި 18 ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބެނެގާލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބަންގްލަދޭޝްގެ ބާނީ ކަމަށްވާ ޝައިހް މުޖީބު ރަހުމާންގެ ވާހަކަ ކިޔައިދިން މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާމާ "މުޖީބު: ދަ މޭކިން އޮފް އަ ނޭޝަން" އެވެ.

ބެނެގާލް ގެނެސްދިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ އަންކޫރް (1974)، މަންތަން (1976)، ޖުނޫން (1979)، މަންޑީ (1983)، މަންމޯ (1994)، ދަ މޭކިން އޮފް މަހާތުމާ ގާންދީ (1996) އަދި ޒުބޭދާ (2001) އެވެ.

ބެނެގާލް އަކީ އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ޝްރީ އާއި ޕަދުމާ ބުޝަންގެ އިތުރުން ދާދާސާހެބް ޕާލްކޭ އެވޯޑް ވެސް ލިބިފައިވާ ޑައިރެކްޓަރެކެވެ.