Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

ފަޒުލްގެ ގެ ފުލުހުން ފާސްކޮށްފި

"ބިންވެރިޔާ" ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ދޫކުރި ކަމަށް ބެލެވޭ މައްސަލައިގެ ތަހުގީގުގެ ތެެރެއިން އެ ކުންފުނިން އިސްތިއުފާ ދެއްވި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ގެ ފުލުހުން ބަލައި ފާސްކޮށްފި އެެވެ.

އޭނަގެ ގެ ރެއިޑްކޮށް ބަލައި ފާސްކުރީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ތަހުގީގަށް ބޭނުން ހިފިދާނެ އެއްވެސް އެއްޗެއް އެ ގެއިން ފުލުހުން ގެންދިޔަ ކަމެއް ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ފަޒުލްގެ ގެ ރޭ ފުލުހުން ފާސްކުރި އިރު، އެޗްޑީސީން ފަޅާލައިގެން 5 ލެޕްޓޮޕް ނެގި މައްސަލައެއް އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން އެ ތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.

ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އޭނަ ސަސްޕެންޑްކޮށްފައި ވަނިކޮށް އެރެ އެވެ. އެޗްޑީސީގެ ބޯޑްގެ މެމްބަރުންގެ ތެރެއިން ޗެއާމަން ފިޔަވައި އެންމެން ސަސްޕެންޑްކޮށްފައިވާ އިރު، ކުންފުނިގެ އާ އެމްޑީއަކަށް އާދީއްތަ ދުވަހު ވަނީ މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.

ފަޒުލް މަގާމުން އިސްތިއުފާ ދެއްވީ "ބިންވެރިޔާ" ސްކީމްގެ ދަށުން އޭނަގެ ބޭބެ ފަޒީލް ރަޝީދަށް ހުޅުމާލެ އިން ގޯއްޗެއް ދިން މައްސަލަ ފެންމަތިވެ، އެކަން ތަހުގީގު ކުރަން ފެށި ހިސާބުންނެވެ. އެ މައްސަލައިގައި ކުންފުނީގެ 15 މުވައްޒަފަކު ވެސް ވަކިކޮށްފައިވާ އިރު، ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.