Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

ރާއްޖޭގައި އިންޑިއާގެ ބަޔަކު "ހާލުގައި ޖެހިފައި"

މަސައްކަތްތަކެއް ކުރަން ރާއްޖެ ގެނައި އިންޑިއާގެ ބަޔަކު ހާލުގަޖެހިފައިވާ ކަމަށް ބުނެފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް އެ މީހުންގެ ވާހަކަ ވީޑިއޯއާ ވެސް އެކީ ގެނެސްދީފައިިވެ އެވެ.

އެ ވީޑިއޯގައި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ އެ މީހުންގެ ތެރޭގައި 40 މީހަކު އެބަތިބި ކަމަށާއި އެ މީހުން ރާއްޖެ ގެނައި ކޮޓްރަކްޝަން މަސައްކަތަކަކަށް ކަމަށެވެ.

ވާހަކަ ދެއްކި މީހާ ބުނެފައި ވަނީ އެ މީހުން ރާއްޖެ ގެނައީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްގެ މަސައްކަތްތަކަކަށް ކަމަށެވެ.

އެ ކުންފުނިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުން ހިމެނެ އެވެ. ނަމަވެސް ހާލުގައި ޖެހިފައި ވަނީ ގަމުގެ މަސައްކަތުގައި އުޅޭ ބައެއް ކަމެއް ސާފެއް ނޫނެވެ.

ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނީ އެ މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެދެނީ އިންޑިއާ ސަރުކާރުން އެ މީހުން ސަލާމަތްކޮށްދީ ގައުމަށް އަނބުރައި ފޮނުވައި ދޭން ކަމަށް ބުނެފައިވެ އެވެ. އެ މީހުން ބުނެފައި ވަނީ އެޖެންޓެއް މެދުވެރިކޮށް އެ މީހުން ރާއްޖެ ގެނައީ މި އަހަރު ޖޫން އާއި ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

އަދި އެ މީހުންނަށް ރަނގަޅު މުސާރައެއް ދޭނެ ކަމަށް ބުނި ނަމަވެސް މުސާރަ ވެސް ނުދޭތާ ވެސް މިހާރު އެތައް މަހެއް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލުމުން ކުންފުނިން އެ މީހުންނަށް ބިރު ދައްކައި، އެންމެން އެކޮމޮޑޭޝަން ތެރޭގައި ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެތަނުގައި ކަރަންޓް ކަނޑާލާފައި އޮތް ކަމަށް ވެސް މަސައްކަތްތެރިން ބުނެފައިވެ އެވެ.

ހަމައެއާއެ އެކު އެ ތަނުން ކަރަންޓު ވެސް ކަނޑައިލައިފައިވާ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

އިންޑިއާގެ މީޑިއާތަކުން މި ވާހަކަ ގެނެސްދިނުމާ ގުޅިގެން އެ މީހުން ނިސްބަތްވާ އާއިލާތަކުން މިކަން މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި އަވައްޓެރި ބައެއް ގައުމުތަކުގެ ގިނަ އަދަދެއްގެ ލޭބަރުން މަސައްކަތް ކުރަމުން އަންނަ އިރު، އެ މީހުންނާ ދޭތެރޭ ވަރަށް ދެރަވަރުކޮށް ކަންތައްތަް ކުރާކަން ފާހަގަކޮށްލެވެ ވެ އެވެ. އެގޮތުން އުޅޭނެ އެކަށީވެންވާ ތަންތަން ހަމަޖައްސައި ނުދިނުމާއި މުސާރަ ގަވައިދުން ނުދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ.

މިފަދަ މައްސަލަތަކެއްގައި މިދިޔަ މަހު މާލޭގައި ބިދޭސީންތަކެއް ރައީސް އޮފީހާއި މުލިއާގެ ކައިރީގައި މުޒާހަރާ ވެސްކޮށްފައިވެ އެވެ.