ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަޤާމުން ސަސްޕެންޑްކޮށްފި އެވެ.
އޭނަ ސަސްޕެންޑްކޮށްފައި މި ވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ.
އެ ޖަލްސާގައި އޭނަ ވިދާޅުވީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ބޭރުން ލިބިދާނެ ފައިސާގެ އެހީ އާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތައް ހުއްޓުވުމަށްޓަކައި އެމްޑީޕީ އާއި ލޭބާ ޔޫނި އަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅޭ ކަމަށެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅެއްގެ ތެރޭގައި އޮތް ބޮޑު ތިން ރިސޯޓުގެ ތެރެއިން ރިސޯޓެއްގައި އެ ފަރާތްތަކުން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ އެފަދަ ބައްދަލުވުމެއް ބާއްވަން ޖާގަ ދެވެން ނެތް ވާހަކަ އެންގުމުން ވެސް އެ ބައްދަލުވުން ބޭއްވުމަށް އެ ރިސޯޓަށް އަރާނެ ކަމަށް ލިޔުމުން އިންޒާރު ދީފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިކަން ކުރަން ރާވާފައި ވަނީ އިއްޔެ ހަވީރު ކަމަށާއި އެކަމުގެ ފަހަތުގައި ހުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށެވެ.
"މި ކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުޑާލުމަށްޓަކައި މީގެ ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ." އޭނަ ވިދާޅުވި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ފޭދޫ މެންބަރުކަން ކުރެއްވި ނިހާދު ވަނީ އެފަދަ ކަންކަން ކުރަން ރާވަމުން އަންނަނީ ކުރީ ސަރުކާރުން ބަދަލު ދިނުމުގައި ކަންކަން ހިންގާފައިވާ ގޮތް ބަލަން އުޅޭތީ ގައުމު ހަލަބޮލި ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މިއީ ރިސޯޓުތައް ހުއްޓުވައި ގައުމުގެ އިގްތިސާދު ފުނޑާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި މުޅި ސަރުކާރު އެކީ ނިކުމެ ވެސް މިކަން ހުއްޓުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާދު ސަސްޕެންޑްކުރުމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އޭނަ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަަކަށް ހަމަޖެއްސީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.