Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

ސިދާތާއި ޖާންވީގެ ފިލްމު ރަސްމީވެއްޖެ

ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތު މަލްތުރާ އާއި ޖާންވީ ކަޕޫރް އެކީގައި ކުޅޭ ފުރަތަމަ ފިލްމު މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ މި ލޯބީގެ ފިލްމުގެ ނަމަކީ "ޕަރަމް ސުންދަރީ" އެވެ. އެ ޓައިޓްލް ނަގާފައި ވަނީ އެ ސްޓޫޑިއޯގެ 2021 ގެ ފިލްމު "މިމީ" ލަވަ "ޕަރަމް ސުންދަރީ" އިންނެެވެ.

ޖާންވީ އާއި ސިދާތުގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަ ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ބައްޗަންގެ 2021 ގެ "ދާސްވީ" ގެނެސްދިން ތުޝާރު ޖަލޯޓާ އެވެ. "ޕަރަމް ސުންދަރީ" ގައި ކިޔައި ދޭނީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެނެއްގެ ލޯބީގެ ވާހަކަ އެވެ.

އެގޮތުން ޖާންވީގެ ކެރެކްޓާގެ ނަމަކީ ސުންދަރީ އެވެ. ސިދާތަކީ ޕަރަމް އެވެ. މިހާރު ޝޫޓިން ވެސް ކުރިއަށްދާ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 25 ގަ އެވެ.

ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދޭވްރާ: ޕާޓް 1" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރޫން ދަވަނާ އެކީ ކުޅޭ "ސަނީ ސަންސްކާރް ކީ ތުލްސީ ކުމާރީ" ހިމެނެ އެވެ.

ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތު އެންމެ ފަހުން ފެނިފައި ވަނީ މާޗްގައި ރިލީޒްކުރި "ޔޯދާ" އިންނެވެ.