މި އަހަރުގެ ޖުލައިގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ވަރުގަދަ އެކްޝަން ފިލްމު "ކިލް" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު ލަކްޝް ލަލްވާނީ އަނެއްކާ ވެސް އެ ސްޓޫޑިއޯގެ އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފެށޭ އާ އަހަރާ އެކި އެ ފިލްމު އިއުލާން ކުރާނެ ކަމަށެވެ. އަދި މި ފިލްމު ވާނީ "ކިލް" އަށް ވުރެ މާ ވަރުގަދަ އެކްޝަން ފިލްމަކަށް ވެސް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.
އެ ފިލްމަށް ފަހު ލަކްޝް މިހާރު އަންނަނީ ދަރުމާ އަށް ލޯބީގެ ފިލްމެއް ކުޅެމުންނެވެ. އެއީ މިދިޔަ މަހު އިއުލާންކުރި "ޗާންދު މޭރާ ދިލް" އެވެ. އަނަންޔާ ޕާންޑޭ ބަތަލާގެ ރޯލު ކުޅޭ މި ފިލްމު އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.
ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްކެވޭ ލަކްޝް، 28، އަކީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް ނެޓްފްލިކްސް އަށް އަންނަ އަހަރު ގެންނަން ހަމަޖެހިފައިވާ ވެބް ސީރީޒް "ސްޓާޑަމް" ގެ މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.