Last Updated: July 18, 21:48
Friday, July 18, 2025
ކުޅިވަރު

މުޅި ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަން މަޝްވަރާ

އޭދަފުށި ޓީމުން ތަށި އުފުލާލަނީ - ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަން ކައުންސިލްތަކާއި މަޝްވަރާ ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ކުރިމަގުގައި މުޅި ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ސްޕޯޓްސް މިނިސްޓްރީ އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި މަޝްވަރާ ކުރާނެ ކަމަށެވެ.

"ފުޓްބޯޅަ އަކީ ގައުމީ އެއްބައިވަންތަކަމަށް ދިރުން ގެނެސްދޭ ކުޅިވަރު،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ގޯލްޑް ކަޕްގެ ފައިނަލްގައި 2-0 އިން އައްޑޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށި ޓީމުންނެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ، ހިންގި ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރި އެވެ. ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު، އައު ކުޅުންތެރިންތަކަކަށް ވަނީ ލިބިގެން ގޮސްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ނަގާ ކޮޅަށް ޖެހުމާއި، އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ އިންވެސްޓްމެންޓެއް ކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.