Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އިންޑިއާ މުވައްޒަފުންގެ މައްސަލަ މިނިސްޓްރީން ބަލަނީ

ރާއްޖޭގައި މަސައްކަތް ކުިރަން އިންޑިއާގެ ލޭބަރުންތަކެއްގެ ހާލުގައި ޖެއްސި މީހުންގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން، ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި "ހާލުގައި ޖެހުނު" 40 މުވައްޒަފުންނަކީ ގަން އެއާޕޯޓް ތަރައްގީ ކުރަމުން އަންނަ އިންޑިއާގެ ކުންފުނި ރެނާސްޓްގެ މުވައްޒަފުންތަކެކެވެ.

އެ މުވައްޒަފުން ވަނީ އެ މީހުންނަށް އިހުމާލުވެ މުސާރަ ވެސް ނުދޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި އެކަމާ އަޑު އުފުލުމުން އެކޮމޮޑޭޝަން ބްލޮކްގައި ބަންދުކޮށް، އެތަނުން ކަރަންޓް ވެސް ކަނޑާލާފައިބާ ކަމަށް ބުނެ އެ ވާހަކަ އިންޑިއާގެ މީޑިއާތަކަށް ކިޔައި ދީފަ އެވެ. އަދި އެ މީހުންގެ ވީޑިއޯއާ އެކު އިންޑިއާގެ މީޑިއާތަކުން ގެނެސްދީފައިވެ އެވެ.

މި މައްސަލަ މިހާރު ހޯމްލޭންޑް މިނިސްޓްރީގެ ސަމާލު ކަމަށް އައުމުގެ އިތުރުން ލޭބަ ރިލޭޝަންސް އޮތޯރިޓީން ވެސް އަންނަނީ އެކަން ބަލަމުންނެވެ.

ގަމުގައި މަސައްކަތްކުރާ ރެނާޓަސްގެ މުވައްޒަފުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން ބުނީ އެ މީހުންނަކީ ސީދާ ކުންފުނީގެ މަސައްކަތްތަކަށް ރެނާޓަސް އިން ގެނައި ބައެއް ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި މުވައްޒަފުން "ހާލުގައި ޖެއްސި" މައްސަލަ މިނިސްޓްރީ އަށްމި މަހުގެ 18 ގައި ހުށަހަޅާފައިވެ އެވެ. ނަމަވެސް މައްސަލަ ހުށަހެޅި އިރު ހަ މަހުގެ މުސާރައިގެ ނުދޭ ވާހަކަ ބުނެފައި ނުވާ ކަމަށާއި ބުނެފައި ވަނީ މިދިޔަ މަހުގެ މުސާރައިގެ މައްސަލަ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބައެއް މުވައްޒަފުން އަނބުރާ ގައުމަށް ދާން ބޭނުންވެގެން އެދުމުން ޕާސްޕޯޓް ދީފައި ނުވާ ކަމާއި، މުވައްޒަފުންނާއި އެކު ހެދި ދެ އަހަރުގެ އެއްބަސްވުމުގެ ކޮޕީއެއް ވެސް ދީފައި ނުވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މުވައްޒަފުންގެ ޝަލުވާތަކާ ގުޅިގެން މިނިސްޓްރީން އެކަމާ ގުޅޭ މައުލޫމާތު ރެނާޓަސް ހޯދާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެ ކުންފުންޏާ ހަވާލާދީ މިނިސްޓްރީން ބުނީ މުވައްޒަފުންނަށް ނުދީ އޮތީ ހަމައެކަނި ނޮވެމްބަރު މަހުގެ މުސާރަ ކަމަށާއި މުސާރަ ދިނުން ލަސްވީ ކުންފުންޏަށް މާލީ ދަތިކަމެއް ދިމާވުމުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މުސާރަ މި މަސް ނިމުމުގެ ކުރިން ދޭނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ވެސް ދީފައިވާނެ ކަމަށް ރެނާޓަސް އިން ބުނެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އޭގެ ތެރެއިން އެނބުރި ދާން ބޭނުންވާ މުވައްޒަފުންނަށް ޕާސްޕޯޓް ވެސް ހަވާލުކުރާނެ ކަމަށް ކުންފުންޏާ ހަވާލާދީ މިނިސްޓްރީން ބުނެ އެވެ. އަދި މުވައްޒަފުންނަށް މީގެ ކުރިން ބަރާބަރަށް މުސާރަ ދީފައިވާނެ ކަމަށް ރެނާޓަސް އިން ބުނެފައިތީ އެކަން ސާބިތުވާ ލިޔެކިޔުން ހުށަހެޅުމަށާއި، އަނބުރާ ދާން ބޭނުންވާ މުވައްޒަފުންނަށް ވަގުތުން އެ އިންތިޒާމު ހަމަޖައްސައި ދޭން އަންގާފައިވާ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.