Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

ކްލިންޓަން ހޮސްޕިޓަލުން ދޫކޮށްލައިފި

ހުންގަދަގެވެގެން ހޮސްޕިޓަލްފައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ކްލިންޓަން، 78، އަށް ފަރުވާ ދިނީ ވޮޝިންޓަންގެ މެޑްސްޓާ ޖޯޖްޓައުން ޔުނިވަސިޓީ ހޮސްޕިޓަލްގަ އެވެ.

އޭނަ އެޑްމިިޓްކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ފަރުވާ އަށް ފަހު އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ތަރުޖަމާނު އެންޖެލް އުރީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ފަހަކަށް އައިސް ސިއްހީ ގިނަ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ އަދި 2004 ގައި ބައިޕާސް އޮޕަރޭޝަނެއް ވެސް ހައްދަވާފައިވާ ކްލިންޓަނަކީ އެމެރިކާގެ 42 ވަނަ ރައީސެވެ. އޭނަ ދެ ދައުރަކަށް ރައީސްކުރެއްވީ 1993-2001 އަށެވެ.

ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނަކީ ވެސް އެމެރިކާގެ ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ. ދެހާސް ސޯޅައިގައި ވެރިކަމަށް ވެސް ކުރިމަތިލެއްވި ހިލަރީ ރައީސް އޮބާމާގެ ވެރިކަމުގައި ސްޓޭޓް ސެކްރެޓަރީ އެވެ.

ކްލިންޓަނާއި ހިލަރީ އަށް ލިބިވަޑައިގެންނެވީ އެންމެ ބޭފުޅެކެވެ. އެއީ ޗެލްސީ ކްލިންޓަން، 44، އެވެ.