Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

އިސްކޮޅުން ކުރުވީމަ ޖެހިލުންވި: އާމިރު

ބޮލީވުޑަށް ނުކުތް އިރު އިސްކޮޅާ މެދު ކުރިން ވަރަށް ކަންބޮޑުވި ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

ޒީ މިއުޒިކްގެ ޔޫޓިއުބް ޗެނެލަށް އެކްޓަރު ނާނާ ޕަޓޭކަރާ އެކީ ދިން އިންޓަވިއުއެއްގައި ކާމިޔާބު އެކްޓަރު ބުނީ ފިލްމު ކުޅެން ފެށި އިރު އިސްކޮޅަކީ އެންމެ ބޮޑަށް އެކަމަކާ މެދު ފިކުރު ކުރަން ޖެހުނު ކަންތައް ކަމަށެވެ. އުމުރުން މިހާރު 59 އަހަރުގެ އާމިރުގެ އިސްކޮޅަކީ ފަސް ފޫޓް ހަތަރު އިންޗި އެވެ.

އެހެންވެ ބޮލީވުޑްގެ އެވްރެޖް އެކްޓަރުންނާ އަޅާބަލާ އިރު އޭނަ އަކީ ވަރަށް ވެސް ކުރު އެކްޓަރެކެވެ. ފިލްމު ކުޅޭ ގިނަ އެކްޓަރުންގެ އިސްކޮޅު ހަ ފޫޓް ނުވަތަ އެއާ ގާތްކުރެ އެވެ. އަދި ބޮލީވުޑްގެ ގިނަ ބަތަލާއިންނަކީ ވެސް އިސްކޮޅުން ދިގު ބައެކެވެ.

އާމިރު ބުނި ގޮތުގައި އިސްކޮޅާ މެދު އެންމެ ކަންބޮޑުވީ ބެލުންތެރިން އޭނަ ބަލައިިނުގެންފާނެތީ އެވެ. ނަމަވެސް ފަހުން އެ ބިރު ފިލައި، އިސްކޮޅާ މެދު އޮތް ކަންބޮޑުން އެއްކޮށް ފިލައި ދިޔަ ކަމަށް ބުންޏެވެ.

"ކުރިން އޮތް އެންމެ ބޮޑު ބިރު އެއީ. އެކަމަކު ފަހުން އަހަންނަށް އިހުސާސް ކުރެވުނީ އިސްކޮޅު މައްސަލައަކަށް ނުވާކަން." މޮޅު އެކްޓަރެއްގެ ގޮތުގައި ބެލުންތެރި ފާހަގަކޮށް "މިސްޓަ ޕާފެކްޝަނިސްޓް" ގެ ގޮތުގައި ސިފަކުރާ އާމިރު ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ބެލުންތެރިންގެ ލޯތްބާއި އިތުބާރު ވަރަށް ބޮޑަސް ހޯދާފައިވާ އެކްޓަރު ބުނީ މީހާގެ ސިފަ އަށް ވުރެ މުހިއްމު އެއްޗަކީ އެ މީހެއްގެ ހުނަރާއި ކުރާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ސަމާލުކަން ކަމަށެވެ. އެހެންވެ އަބަދު ވެސް އޭނަ އަކީ ކުރާ މަސައްކަތެއް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރަން ވަރަށް ބޮޑަށް ވިސްނާ މީހެއް ކަމަށް ބުންޏެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ސިތާރޭ ޒަމީރް ޕަރް" އެވެ. ތިން ކުދިންގެ ބައްޕަ އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ "ލާލު ސިންގް ޗައްޑާ" އިންނެވެ.