Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

ސޫރަޖްގެ އާ ޕްރޭމް އަކީ އަޔޫޝްމަން؟

ޑައިރެކްޓަރު ސޫރަޖް ބަރަޖްތިއާ ދެން ހަދާ ފިލްމު އޭނަގެ ޑާލިން، ސަލްމާން ޚާނާ އެކީ ހަދަން ނިންމާފައިވާކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް، އާ ފިލްމު އަޔޫޝްމަން ކްރާނާއާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އަންނަ އަހަރުގެ މެއި/ޖޫން ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ސޫރަޖްގެ އެހެން ފިލްމުތަކާ ވެސް އެއްގޮތަށް އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. އަދި އަބަދު ވެސް އޭނަގެ ފިލްމުތަކުގެ ލީޑް ބަތަލަށް ފިލްމުގައި ކިޔަނީ ޕްރޭމް ކަމަށްވާތީ އާ ފިލްމުގައި އަޔޫޝްމަން ވެސް ކުޅޭނީ ޕްރޭމް ކިޔާ ރޯލެވެ.

މި ފިލްމަށް ބަތަލާއަކު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ސޫރަޖްގެ އާ ފިލްމު ނެޝަނަލް އެވޯޑް ހޯދާފައިވާ އަޔޫޝްމަން އަށް ހުށަޅައި، ސްކްރިޕްޓް ނެރޭޓްކޮށް ދިނުމާ އެކީ އޭނަ ވަނީ ފިލްމަށް ވަގުތުން އެއްބަސްވެފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސޫރަޖާއި އޭނަގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިިއޯލް އާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ އަންހެން ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން ތައާރަފުކުރި މިދިޔަ އަހަރުގެ "ދޯނޯ" އެވެ.

ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރްގެ އިތުރުން ބޮމަން އިރާނީއާ ހިމަނައިގެން ގެނެސްދިން 2022 ގެ "އުޗާއީ" އެވެ. ސަލްމާނާ އެކީ ސޫރަޖް ގެނެސްދިން ފިލްމުތަކަކީ މޭނާ ޕިޔާރު ކިޔާ (1989) އާއި ހަމް އާޕް ކޭ ހޯ ކޯން (1994) އާއި ހަމް ސާތު ސާތު ހޭ (1999) ގެ އިތުރުން ޕްރޭމް ރަތަން ދަން ޕާޔޯ (2015) އެވެ.

މީޑިއާތަކުން މި ފަހުން ރިޕޯޓްކުރި ގޮތުގައި ސަލްމާނާ އެކު ސޫރަޖް ހަދަން ނިންމި އާ ފިލްމުގެ ނަމަކީ "ޕްރޭމް ކީ ޝާދީ" އެވެ.

އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުުތަކަކީ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރްގެ އިތުރުން އަބީޝެކް ބައްޗަންގެ 2003 ގެ "މޭ ޕްރޭމް ކީ ދީވާނީ ހޫ" އާއި ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ 2006 ގެ "ވިވާ" އެވެ.