މި މަހުގެ 30 ގައި މީޑިއާނެޓްގެ އެމްސްޓީވީން ޕްރީމިއާކުރަން ހަމަޖެހިފައިވާ އާ ވެބް ސީރީޒް "ރޯލީމޭ" ގެ ޓްރެއިލާ މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސީރީޒްކީ ޑާކް ރެއިން އެންޓަޓައިންމަންޓާއި މީޑިއާނެޓް ގުޅިގެން ގެނެސްދޭ އެއްޗެކެވެ. ޖުމްލަ 15 އެޕިސޯޑްގެ މި ސީރީޒަކީ ޑާކް ރެއިނުން އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
"ރޯލީމޭ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.
ޑާކް ރެއިނުން ކުރިން މީޑިއާނެޓަށް "ރޫމިއާ ޖަންނަތު" ކިޔާ މަގުބޫލު ސީރީޒެއް ވެސް ގެނެސްދީފައިވެ އެވެ.