Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އިންޑިއާ އަށް ދިޔައީ ފިލާކަށް ނޫން، ބޭހަށް، ޗުއްޓީ އަށް

މި ހަފުތާގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ފިއްލަވަން އިންޑިއާ ވަޑައިގެންފި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އޭނަ ރައްދު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ފިލަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އާއިލާ ގޮވައިގެން އިންޑިއާ އަށް ވަޑައިގެންނެވީ ބޭސް ފަރުވާއެއްގެ އިތުރުން ޗުއްޓީއަކަށް ކަމަށް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް އެނބުރި ދާނަން." އިއްޔެ އިންޑިއާ އަށް ވަޑައިގެންނެވި މުއާޒު ވިދާޅުވި އެވެ.

އޭނަ އިސްތިއުފާ ދެއްވި ހިސާބުން ފެށިގެން މުއާޒްގެ މައްޗަށް އެކި ފަރާތްތަކުން ދަނީ ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން އޭނަގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައްކޮށް، އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާލުރަމުންނެވެ. މުއާޒް އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިގެން ކަމަށް ދޭހަވާ ގޮތަށް ވެރިކަން ކުރާ ޕީއެންސީގެ، ބައެއް އެކްޓިވިސްޓުން ވެސް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެ އެވެ.

މުއާޒްު ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު އެވެ.