އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
މިއަދު މެންދުރު ހިތަދޫ ޕަވަޕާކް ރެސްޓޯރެންޓްގެ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ސިނގިރެޓް ބޯން ހުއްޓާ އާއްމުންގެ ބަޔަކު ވަނީ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑީއާގައި ހިއްސާކޮށް އަދި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވެސް ރިޕޯޓްކޮށްފަ އެވެ. އަދި އެފޮ ޓޯ ވަނީ "އައްޑޫ ލައިވް" އަށް ވެސް ލިބިފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ޝާހިދު ސިނގިރެޓް ބޯން ހުރި އިރު އެ މޭޒުގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީގެ އިތުރުން އައްޑޫ ސިޓީ ސިވިލް ސާވިސް އާ ހަވާލުވެ ހުންނެވި އަބްދުﷲ ހާނީ ވެސް އިންނެވި އެވެ.
ގާނޫނު ނަންބަރު 15/2010 ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އާއްމު ތަންތާގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ ވަކި ހާއްސަ ހުއްދައެއް ލިބިގެންނެވެ.
އެގޮތުން ޕަވަރޕާކްގައި އެ ފަދަ ސަރަހައްދެއް ވަނީ ގާއިމްކޮށްފައެވެ. ނަމަވެސް ޑެޕިއުޓީ މޭޔަރ ދުންފަތުގެ އިސްތިއުމާލު ކުރަން އިނީ އެތަނުގެ މަނާ ސަރަހައްދުގައި އެވެ.
ގާނޫނުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާ އިން ޖުރިމަނާ ކުރެވެއެވެ.
މި މަންޒަރު ދުށް އާއްމު ފަރާތުން ބުނީ މީ ވަރަށް ލަދުވެތި މަންޒަރެއް ކަމަށާއި، ރާއްޖޭގައި ހެދިފައިވާ ގަވާއިދުތަކާއި ގާނޫނު ތަކަށް ބޯލަބަން ޖެހޭ އަދި ނަމޫނާ ދައްކަން ޖެހޭ ފަދަ މަތީ މަޤާމެއްގައި އިންނެވި ބޭފުޅެއްގެ ކިބައިން ގާނޫނޫތައް މުގުރަމުން ދިޔަތަން ފެނުމުން އެކަމާ ލަދުވެތިވެ ހިތާމަ ކުރާ ކަމަށެވެ.
ޑެޕިއުޓީ މޭޔަރުގެ އަހްލާޤީ މައްސަލަތަކެއްގެ ވާހަކަ މިހާރު ވެސް ކައުންސިލްގެ ތެރޭގައި ދަނީ ދެކެވެމުންނެވެ.
އެގޮތުން ކައުންސިލްގެ ބައެއް އަންހެން މުވައްޒަފުންނާއި ހާއްސަ ގުޅުންތަކެއް ބާއްވަމުން އަންނަ ކަމުގެ ތަހުމަތު ދަނީ ކުރެވެމުންނެވެ.