ރާއްޖޭގެ ކަނޑު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، ބައި ޓަނެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީ ލަންކާގެ މަސްބޯޓުގެ ފަޅުވެރިންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހއް. މަކުނުދޫ ބޭރުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަށެންޕުތަ" އިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފަސް މީހެކެވެ. ނެވެ. އެ އެންމެންނަކީ ވެސް ލަންކާއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21، އާއި މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22، އާއި
ޗަމޮދް ދިވަންގާ ދިލަކާވަ، 22، އާއި ލޮރެންސު ހޭވާގީ ސަރަތު، 56، ގެ އިތުރުން ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37، އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ހާޒިރުކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އެ ކޯޓުން އަމުރުކުރީ 30 ދުވަހަށް އެ މީހުން ބަންދުކުރުމަށެވެ.
އެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން ބަންދަށް އިތުރު 30 ދުވަސް ޖެހީ ކްރިމިނަލް ކޯޓުންނެވެ.