ހައުސިން މިނިސްޓަރުގެ މަގާމުގައު ހުންނެވި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
ހައިދަރު ހައުސިން މިނިސްޓަރުގެ މަގާމުން ދުރުކޮށް އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައި ވަނީ "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން ގަވާއިދާ ހިލާފަށް ގޯއްޗާއި ފްލެޓްތަކެއް، ހައްގު ނޫން ބަޔަލަށް ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވެ، ފުލުހުންނާއި އޭސީސީން ވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަމިކޮށެވެ.
އަނެއްކޮޅުން ދާދި ފަހުން ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތް އަނދައި ހުލުވި ހާދިސާގައި މިނިސްޓްރީގެ އެތަކެއް ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވެ އެވެ.
ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލުކޮށްފައި މި ވަނީ އެ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެވެ. ކޮންސްޓްރަކްޝަން މިނިސްޓަރަކީ ޑރ. އަބްދުﷲ މުއްތަލިބެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް މިހާތަނަށް ހުންނެވި ޑރ. މަރްޔަމް މާރިއާ ދެން ފުރުއްވަމުން ގެންދަވަނީ އެގްރިކަލްޗަ މިނިސްޓަރުގެ މަގާމުގަ އެވެ. ކުރިން އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި ޑރ. އައިޝަތު ރަމީލާ ކެންސަރަށް ފަރުވާ ހޯއްދަވާތީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެގްރިކަލްޗަ މިނިސްޓްރީ ހިންގަމުން ގެންދަވަނީ ވެސް މާރިއާ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް މިދިޔަ ސެޕްޓެމްބަރު މަހު ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.