މި އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
އަނީސް ބަޒްމީ ޑައިރެކްޓްކުރި މި ހޮރޯ-ކޮމެޑީ އަކީ ކާތިކް އާރިއަނާ އެކު 2022 ގައި ގެނެސްދިން "ބޫލް ބުލައްޔާ 2" ގެ ފޮލޯއަޕެކެވެ. މި ފަހަރުގެ ފިލްމުގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ އާއި މަދޫރީ ޑިކްސިޓާއި ވިދިއާ ބާލަން ވެސް ހިމެނެ އެވެ.
މިދިޔަ މަހުގެ 1 ގައި ރިލީޒްކުރި "ބޫލް ބުލައްޔާ 3" އަށް ބޮކްސް އޮފީހުގައި 417.51 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ލިބުނެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑއުސްކުރި ފިލްމު ހެދީ 150 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ބޫލް ބުލައްޔާ 3" މި އަހަރު ރިލީޒްވި ކާތިކްގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖޫންގައި ރިލީޒްކުރި ކަބީރް ޚާން ޑައިރެކްޓްކުރި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އެވެ.