ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގު ފުލުހުން އަވަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.
އެތަނުން ބުނީ މިދިޔަ އަހަރު 44 މިލިއަން ރުފިޔާ ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށް ފަހު ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް މި އޮފީހަށް ފެންނާތީ މައްސަލައަށް އިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާ ނަމަ، އެކަންކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ޕީޖީން ފުލުހުންނަށް އަންގާފައިވެ އެވެ.
ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި އާސަންދަ އިން 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ފޮނުވީ އާސަންދައިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު 29 ގަ އެވެ. ކޮމިޓީއަށް އާސަންދައިން ފޮނުވި ސިޓީއެއްގައި ބުނީ އެ ކުންފުނިން ނޯތު ކޯސްޓްރަކްޝަނަށް ހޮސްޕިޓަލެއް އެޅުމަށް ހަވާލު ކުރުމަށް ފަހު، އެ އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން ފައިސާ ދޭން ޖެހުނު ކަމަށާއި 2022 ގައި އެ ހޮސްޕިޓަލުގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
ސައުތު ކޯސްޓަށް އެ މަސައްކަތް ނުކުރެވުނީ އެ ކުންފުނީގައި އެކަން ކުރުމުގެ ގާބިލުކަން ނެތުމުން ކަމަށް ބެލެވޭ ކަމަށް ވެސް އާސަންދައިން ބުނެފައިވެ އެވެ.