Last Updated: July 16, 15:35
Thursday, July 16, 2026
މުނިފޫހިފިލުވުން

ޖުނައިދާއި ހުޝީގެ ފިލްމަކީ 'ލަވްޔާޕާ'

ބޮލީވުޑްގެ ޒުވާން އާ ދެ ތަރިން ކަމަށްވާ ޖުނައިދު ޚާނާއި ހުޝީ ކަޕޫރް އެކީގައި ކުޅެ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.

ޒީ ސްޓޫޑިއޯސްއާ ގުޅިގެން ޖުނައިދުގެ ބައްޕަ އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ނަމަކީ "ލަވްޔާޕާ" އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުފެ ފެބްރުއަރީ 7 އެވެ. އާމިރުގެ 2022 ގެ "ލާލު ސިންގް ޗައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ "ލަވްޔާޕާ" އަކީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" އަސްލަކަށް ބަަލައިގެން ހަދާފައިވާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. ޖުނައިދާ އެކީ އޭނަގެ ދެވަނަ ފިލްމު ބެލުންތެރިންނަށް ދޫކޮޮށްލަން ތައްޔާރުވަމުން އަންނަ އިރު، އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޚު އިބްރާހީމް އަލީ ޚާނާ އެކީ ވެސް ފިލްމެއްގެ މަސައްކަތް މި އަހަރު ހުޝީ ނިންމާފައިވެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އެ ފިލްމުގެ ނަމަކީ "ނާދާނިޔާ" ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ޖުނައިދުގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖޫންގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެޓްފްލިކްސް އަށް ގެނައި "މަހާރާޖް" އެވެ. އޭނަ ވަނީ ދެކުނުގެ ބަތަލާ ސައީ ޕައްލަވީއާ އެކީ މި އަހަރު "އޭކް ދިން" ކިޔާ ފިލްމެއް ވެސް ނިންމައިފަ އެވެ. އެއީ ވެސް އާމިރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.