Last Updated: May 13, 23:15
Tuesday, May 13, 2025
ދުނިޔެ

ލަންކާ ވެސް މިއަދު 2 މިލިއަން ޓޫރިސްޓުން ހަމަކޮށްފި

ސްރީ ލަންކާ ވެސް މިއަދު ދެ މިލިއަން ޓޫރިސްޓުން ހަމަކޮށްފި އެވެ.

އެކަމަށްޓަކައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި ދެ މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނީ ސްރީ ލަންކަން އެއާލައިންސުން ދިޔަ ތައިލޭންޑްގެ ބެންކޮކްގެ ފިރިހެނެކެވެ.

ލަންކާ އިން މިއަދު ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާކީ އިރު ރާއްޖެ އިން ވެސް މިއަދު ވަނީ ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފަ އެވެ. ދެ މިލިއަން ވަނަ ޓޫރިސްޓަކީ އޮސްޓްރިއާގެ އަންހެނެކެވެ.

ރާއްޖެއާ އެއްގޮތަށް ލަންކާ އަކީ ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަދި ގައުމުގެ އިގުތިސާދުގެ ބޮޑު ޕަސަންޓޭޖެއް ޓޫރިޒަމަށް ބަރޯސާވާ ގައުމެކެވެ.

ލަންކާ އިން ބުނީ މިއަދު ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާކީ އިރު، މިއީ 2018 ގެ ފަހުން އެ އަދަދަށް އެ ގައުމަށް ޓޫރިސްޓުން އައި ފުރަތަމަ ފަހަރު ކަމަށެވެ. ދެހާސް ނަވާރައިގެ ފަހުކޮޅު ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާއާ ގުޅިގެން ލަންކާގެ ޓޫރިޒަމް ވެސް ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތުމަށް ފަހު މިހާރު އަންނަނީ ވަރަށް ބޮޑުތަނުން ރަނގަޅުވަމުންނެވެ.

މިދިޔަ އަހަރު ލަންކާ އަށް ދިޔައީ 1.4 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު އެ ގައުމުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ލަންކާ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން ދަނީ އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުންނެވެ.