Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އާރުޑީސީގެ ހިޔާނާތް: މޫކޭ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފި

މޫސާ އަލިމަނިކު (މޫކޭ) - ފޮޓޯ: އެމްޑީޕީ

ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ވަނީ މޫކޭ ދިރިއުޅޭ ގޭގެ އިތުރުން އޭނާގެ އަނބިމީހާ އާއި އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ފުލުހުންނާއި އޭސީސީ ގުޅިގެން މީގެކުރިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އޭސީސީއާ ގުޅިގެން ކަމަށާއި 2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.

އެގޮތުން އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"އެއީ 11 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ. އެހެންވެ، ގިނަ ޓްރާންސެކްޝަންތަކެއްގެ ވާހަކަ މި ދެއްކެނީ. މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވާ ކަމެއް މިއީ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި ގާތްގަނޑަކަށް 15 މީހަކު ބައިވެރިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.