Last Updated: April 29, 20:04
Monday, April 29, 2024
ކޮލަމް

އިއްޒަތްތެރި މެމްބަރު ނިޒާރަށް!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ ޢިއްޒަތްތެރި މެމްބަރު ނިޒާރުއަށް އިޚްލާސްތެރިކަމާއެކު ވޯޓުދިން މީހެއްގެ ޙައިސިއްޔަތުން ދަންނަވަމެވެ. 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުން މަނިކުފާނު ތިޔަ ގޮނޑިއަށް އިންތިޚާބުކުރީ ވަރަށް ފޮނި އުއްމީދެއްގައެވެ. ޤާނޫނުގެ ވެރިކަން ހިންގުމަށް ބާރު އަޅުއްވާނެކަމަށާއި ރައްޔިތުންގެ ޙައްޤުގައި ކެރިގެން ވަކާލާތުކުރައްވާނެކަމަށާއި މަނިކުފާނަކީ ނުވިކޭނެ ބޭފުޅެއްކަމަށް ކެމްޕޭން ަތެރޭގައި މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީމެއް ނޫންހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހަށް މަނިކުފާނު އިންތިޚާބުވުމަށްފަހުމަނިކުފާނު ފެނުނީ އައްޑުއަށް ނިސްބަތްވާ އެންމެ ޙަރަކާތްތެރި އަދި އެންމެ ވާހަކަދެއްކުންތެރި މެމްބަރުގެ ގޮތުގައެވެ. މިގޮތުން ދާއިރާގެ މެމްބަރުގެ ޙައިސިއްޔަތުން އައްޑޫގެ ކަރަންޓުގެ މައްސަލާގައި މަޖިލީހުގައި އަޑުއުފުއްލަވައި ދެއްކެވި ވާހަކައާއި ކޮންވެންޝަން ސެންޓަރުގެ މައްސަލައާއި ލާމަރުކަޒީ ނިޒާމުގެ ޙިމާޔަތުގައި މަނިކުފާނު ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހުން ސާބަސްދެމެވެ. މަޖިލީހުގައި މެޖޯރިޓީއެއް ނެތަސް އަދި މަނިކުފާނު ދައްކާ ވާހަކައެއް ބިލެއް ފާސްވެގެން އަންނައިރު ނެތަސް ހިއްވަރާއެކު މަނިކުފާނު އެވާހަކަ ދެއްކެވުމުން ރައްޔިތުންގެ ޙައްޤުގައި މަނިކުފާނު މަސައްކަތްތަކެއް ކުރައްވާކަން ދާއިރާގެ ރައްޔިތުންވެސް ޤަބޫލުކުރިއެވެ. އެހެނަސް އެއީ މާޒީއެވެ. މިއަދު ކަންކަން ބަދަލުވެއްޖެއެވެ.

ޢިއްޒަތްތެރި މެމްބަރު ޢަލީ ނިޒާރުއެވެ. އައްޑޫއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ރައްޔިތުންނާ އެންމެ ރައްޓެހި އަދި ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އުއްމީދާއެކު ދުށް މެމްބަރަކީ މަނިކުފާނެވެ. ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި މަނިކުފާނު ކުރެއްވި މަސައްކަތުގެ މިސްރާބު ވަކިހިސާބަކުން ބަދަލުވެ ހުންގާނު އަނބުރާލެއްވުމުން މިއަދު މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު އަޅުގަނޑުގެ ހިތުގައި ސުވާލުއުފެދިއްޖެއެވެ.

ދަންނަވަންތޯއެވެ. މަނިކުފާނަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ. ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން މަނިކުފާނުގެވެސް ޒިންމާއެކެވެ. މަނިކުފާނުގެ ކުރިން ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކާއި މިހާރު ދައްކަވާ ވާހަކަތަކާއި ފިއްތަވާލައްވާ "ފެހި" ފިތަކާ ނުގުޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ މަސައްކަތުގައި ރިޢާޔަތްކުރާންވީ ކަންކަން އިތުރަށް އޮޅުން ފިލުވައިދޭން ނުޖެހޭނެކަން އަޅުގަނޑަށްވެސް އެނގެއެވެ. އެހެންވިޔަސް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ މިތާނގައި ތަކުރާރުކޮށްލާނަމެވެ. އެމާއްދާގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްޞީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ" ކަމަށެވެ.

ދަންނަވަންތޯއެވެ. އަޅުގަނޑު މަނިކުފާނަށް މި ސިޓީ ލިޔަންޖެހުނީވެސް މުޅި ޤައުމު އެކަމާ ކަންބޮޑުވެގެން މިއުޅޭ ޤާނޫނުއަސާސީއަށް ގެނެވުނު 2 ވަނަ އިސްލާޙާ ގުޅިގެންނެވެ. ޢާއްމު ބަހުންނަމަ "ޤައުމު ވިއްކާލާ" އިސްލާޙާ ގުޅިގެންނެވެ. މަނިކުފާނަކީ އެ އިސްލާޙު ފާސްކުރުމަށް ވޯޓު ދެއްވި އެއް މެމްބަރެވެ. މި އިސްލާޙަށް މަނިކުފާނު ވޯޓު ދެއްވުމުން އެކާ ގުޅިގެން މަނިކުފާނަށް ފާޑުކިޔުން އެބަ އަމާޒުވެއެވެ. މަނިކުފާނު އަމިއްލަ ފާއިދާއަށް ޤައުމު ވިއްކަވާލެއްވީކަމާއި މަނިކުފާނު ސަރުކާރު ފަޅިއަށް ޖެހިވަޑައިގަތީކަމަށްބުނެ ތަފާތު ވާހަކަތައް ދެކެވެއެވެ. މަނިކުފާނަށް މިވެނި މިންވަރަށް ފައިސާ ލިބުނުކަމަށްބުނެ އެވާހަކަވެސް ދައްކައެވެ. އެހެންނަމަވެސް އެވާހަކައެއް އަޅުގަނޑު ނުދައްކާނަމެވެ. އެއީ އަޅުގަނޑަކަށް ސާބިތުހިފޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑަށް ސާބިތު ހިފޭ އެއްކަމެއް އެބައޮތެވެ. އެއީ މަނިކުފާނު ކުރިން ދެއްކެވި ވާހަކައާއި މިހާރު ދައްކަވާ ވާހަކަ ދިމާނުވާކަމެވެ. އިންސާނުންނަކީ ހަނދާން ބަލި ބައެކެވެ. އެހެންކަމުން މަނިކުފާނު ކުރިން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު ތަކުރާރުކޮށްލާނަމެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމާއެކު އެމްޑީޕީ އިން މާލޭގައި ފެއްޓި މުޒާހަރާތަކުގައ މަނިކުފާނު އެކިފަހަރުމަތީން ސަރުކާރަށް ޚާއްސަގޮތެއްގައި ރައީސް ޔާމީނަށާއި އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަދީބަށް ފާޅުގައި ފާޑުވިދާޅުވިއެވެ. އަދި އެމްޑީޕީގެ އެހެން މެމްބަރުން ފަދައިން ރައީސް ޔާމީނަށާއި އަދީބަށް ކުރެވޭ ތުޙުމަތުތައް މަނިކުފާނުވެސް ތަކުރާރުކުރެއްވީމެއް ނޫންހެއްޔެވެ! ނަމަވެސް މަނިކުފާނުވެސް އެ ތުޙުމަތުތައް ކުރެއްވި އަޙްމަދު އަދީބުގެ ނަން ނައިބު ރައީސަކަށް މަޖިލީހަށް ފޮނުއްވި ދުވަހު މަނިކުފާނުވެސް ފިއްތަވާލެއްވީ "ފެހި" ފިތަށެވެ.

ޢިއްޒަތްތެރި މެމްބަރެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނާ މެދު 2014 ވަނަ އަހަރު ޖުލައިމަހު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން މަނިކުފާނު ވިދާޅުވީ "ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ރައްޔިތުން އަޅުވެތި ވެގެންދާނެ" ކަމަށެވެ. މަނިކުފާނެވެ. 22 ޖުލައި 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މަނިކުފާނު ތިޔަ ވޯޓު ދެއްވީ ޤައުމުގެ ބިން ބޭރު މީހުންނަށް މިލްކުކުރުން ހުއްދަކުރުމަށެވެ. އެބަދަލުގެ ސަބަބުން ރައްޔިތުންނަށާއި ޤައުމަށް ލިބޭނެ ގެއްލުމަކަށް މަނިކުފާނު ވިސްނެވިންތޯއެވެ؟ އެންމެ ކުޑަ މިނުން އެ ބިލްގައި އޮތް އެއްޗެއް މަނިކުފާނު ރަގަޅަށް ވިދާޅުވިކަމާމެދުވެސް އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. އެބިލް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުމުން މަނިކުފާނު ދެއްކެވި ވާހަކަ އާއި ޢަމަލުކުރެއްވި ގޮތުން އަޅުގަނޑަށް ހައިރާންކަން ލިބެއެވެ. ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙާ ގުޅިގެން މަނިކުފާނު ދެއްކެވި ވާހަކައިން އަޅުގަނޑަށް ދެ ތިން ކަމެއް ފާހަގަކުރެވުނެވެ. މަނިކުފާނު ވިދާޅުވީ އެއިސްލާޙުގެ ފައިދާއާއި ގެއްލުންތަކެއްވެސް އެބަހުރިކަމަށެވެ. ދެން ވިދާޅުވީ މި އިސްލާޙުގެ ސަބަބުން އިންވެސްޓްމެންޓްތައް އައިސް ޓެކްސް ލިބި އެއިން ރައްޔިތުންނަށް ފައިދާކުރާނެކަމަށެވެ. ދެން ވިދާޅުވީ ބިން ހިބަކޮށްދިނީމަ ވާނީ ފައިދާތޯ ގެއްލުންތޯ ޖެހޭނީ އިޤްތިސާދީ މާހިރުންނާ ސުވާލުކޮށް ލަފާ ހޯދަންކަމަށެވެ. މިއީ އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މަނިކުފާނު ދެއްކެވި ވާޙަކަތައް މަޖިލީހުގެ ވެބްސައިޓްގައި އެހެރީ ފެންނާށެވެ.
nizar one
މަނިކުފާނެވެ. މަނިކުފާނު ދެއްކެވި ވާހަކައާއި ދެއްވި ވޯޓުން މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު އަޅުގަނޑަށް ސުވާލު އުފެދެނީ މިހިސާބުންނެވެ. މަނިކުފާނަކީ ޤާނޫނުއަސާސީއަށް ގެނެވުނު އެ އިސްލާޙުގެ ބިލް ދިރާސާކުރުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީގައި އިންނެވި ބޭފުޅެކެވެ. އެ ކޮމެޓީއަށް ބިލް ފޮނުއްވުމުގެ ކުރިން މަޖިލީހުގައި ވާހަކަދައްކަވަމުން މަނިކުފާނު ވިދާޅުވީ އެ އިސްލާޙުގެ ސަބަބުން ގެއްލުންތަކެއްވެސް ހުރިކަމަށެވެ. އެކަމަކު އެ ބިލް މަނިކުފާނުވެސް އިންނެވި ކޮމިޓީއަކުން 4 ވަރަކަށް ގަޑިއިރުތެރޭގައި ރޮކެޓެއްހެން އެނބުރި މަޖިލީހުގެ ތަޅުމަށް އައީ އެއްވެސް އިސްލާޙަކާ ނުލައެވެ. ހަމަ ސަރުކާރުން ފޮނުއްވިގޮތަށެވެ. ގެއްލުންތަކެއް ހުރިކަމަށް މަނިކުފާނަށްވެސް އެނގިވަޑައިގެން ހުންނަވައި އެބިލް އިސްލާޙަކާ ނުލައި ކޮމެޓީއިން ފާސްކުރުމަށް ވޯޓް ދެއްވީ ކީއްވެގެންތޯއެވެ؟ އެ އިސްލާޙާ ގުޅިގެން އިޤްދިސާދީ މާހިރުންގެ ލަފާ ހޯދަންޖެހޭކަމަށް މަނިކުފާނު ވިދާޅުވިއިރު މަނިކުފާނު އެފަދަ ލަފާއެއް ހޯއްދެވީ ކޮން އިރަކުތޯއެވެ؟

މަނިކުފާނެވެ. މަނިކުފާނު ދިވެހިރާއްޖޭގެ ބިމުން ބޭރުމީހުންނަށް މިލްކުކުރެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާޙު ގެންނެވުމަށް ތާޢީދުކޮށް ވޯޓު ދެއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި އެ އިސްލާޙުގެ ސަބަބުން އިންވެސްޓްމެންޓްތައް އައިސް ޓެކްސް ލިބި އެއިން ރައްޔިތުންނަށް ފައިދާކުރާނެކަމަށް ވިދާޅުވީމެއް ނޫންހެއްޔެވެ؟ މަނިކުފާނެވެ. "ރައްޔިތުން އަޅުވެތި ވެގެންދާނެ" ޤާނޫނެއްކަމަށް މަނިކުފާނު ވިދާޅުވި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ހަނދުމަފުޅަށް ގެންނަވާށެވެ. އެ ޤާނޫނުގެ ދަށުން ޓެކްސް މަޢާފުވާގޮތާއި ޓެކްސް ދައްކަންނުޖެހޭ މިންވަރު މަނިކުފާނަށް އެނގިނުލައްވަނީތޯއެވެ. މަނިކުފާނެވެ. މަނިކުފާނު ވިއްކަވާލައްވަން އާނބަސް ވިދާޅުވި ދިވެހިބިމަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް ފޯރުކޮށްދޭންޖެހޭ އަމާނާތެކެވެ. އެކަން ހަނދުމަފުޅު ނެތުނީތޯއެވެ؟

ޢިއްޒަތްތެރި މެމްބަރެވެ. ރައީސް ޔާމީން އަކީ އުއްމީދެއްނެތް ޝަޚްސިއްޔަތެއްކަމަށާއި ރައީސްގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދުނުކުރެވޭކަމަށާއި މިހާރުވެސް ފުދިއްޖެކަމަށާއި ރައްޔިތުންނަށްޓަކައި ރައީސް އިސްތިޢުފާދެއްވަންވެސް 15 ޖޫން 2015 ސޯޝަލް މީޑިއާގައި މަނިކުފާނު ގޮވާލެއްވީމެއްނޫންތޯއެވެ. މަނިކުފާނު ވިދާޅުވާގޮތުން މި ސަރުކާރަކީ ޚުދުމުޚްތާރު އަނިޔާވެރި ކޮރަޕްޓް ސަރުކާރެކެވެ. އުއްމީދެއް ނެތް ސަރުކާރެކެވެ. އެހެނަސް ދިވެހި ޤައުމުގެ ބިން ބޭރުމީހުންނަށް ވިއްކާލެއްވުމުގެ ލައިސަންސް މިސަރުކާރަށް ދިނުމަށް މަނިކުފާނަށް މައްސަލައަކަށް ނުވިއެވެ.

ޢިއްޒަތްތެރި މެމްބަރެވެ. ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަމަށާއި އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެކަމަށް ބުނެފައިވިޔަސް 'ޤައުމު ވިއްކާލުމުގެ' އިސްލާޙަށް މަނިކުފާނު ވޯޓުދެއްވީ އެ އެއިސްލާޙު ފާސްވުމުން ރައީސް ނަޝީދު މިނިވަންވާނެކަމުގައި އުއްމީދުގައިކަމަށް މިއަދު މަނިކުފާނު ހިމެނިވަޑައިގެންނަވާގޮތަށް އެމްޑީޕީ މަޖިލިސް މެމްބަރުން ނެރުއްވި ނޫސް ބަޔާނުން ދޭހަވެއެވެ. އެހެންކަމަށްވާނަމަ ނަޝީދުގެ މަސްލަޙަތުގައި މަނިކުފާނު ވޯޓު ދެއްވީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ އެއްގޮތަށްތޯއެވެ؟ ޤައުމުގެ ބިން ބޭރު މީހުންނަށް ވިއްކާލުމުގެ ހުއްދަ މަނިފާނު ވިދާޅުވާ 'ކޮރަޕްޓް، އުއްމީދެއްނެތް' ސަރުކާރަކަށް ދިނުމަށް ތިޔަ ވޯޓު ދެއްވީ ރައްޔިތުންގެ ކޮން މަސްލަޙަތެއް ޙިމާޔަތްކުރައްވަންތޯއެވެ؟
nizar 2
ދަންނަވަންތޯއެވެ. އަޅުގަނޑަށް އެނގިއްޖެއެވެ. އަޑުއިވިއްޖެއެވެ. ވިސްނިއްޖެއެވެ. މަނިކުފާނުވެސް ވީ ހަމަ އެހެންވެސް ސިޔާސީ މީހުން ފަދައިން 'ފަލްސަފާ'ގެ ވާހަކަތައް ދައްކަވާ ބޭފުޅަކަށެވެ. މާދަމާ މަނިކުފާނު އެހެން ކުލައަކުން ފެނުނަސް އަޅުގަނޑު އެކަމާ ހައިރާނެއްނުވާނަމެވެ. އަޅުގަނޑު ހިތާމަކުރަނީ މަނިކުފާނު ދިވެހި ޤައުމުގެ ބިން ބޭރުމީހުންނަށް ވިއްކާލުމަށް ވޯޓު ދެއްވުމުން އެކަންޏެއް ނޫނެވެ. އަދި ދިވެހި ބިން ވިއްކާލުމުގެ ބާރު 'އުއްމީދެއް ނެތް' ސަރުކާރަކަށް ދެއްވުމުން އެކަންޏެއް ނޫނެވެ. އަޅުގަނޑު ހިތާމަކުރަނީ މަނިކުފާނަކީ ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއެކު ހެޔޮނިޔަތުގައި މަސައްކަތްކުރާނެ ބޭފުޅެއްކަމަށް އުއްމީދުކޮށް މަނިކުފާނު ހިތަދޫ ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމަށް ވޯޓު ދެވުނީތީއެވެ. އެކަމަށް އަޅުގަނޑު ހިތާމަކުރަމެވެ. ލަދުވެތިވަމެވެ. ނަމަވެސް މަނިކުފާނު ވިދާޅުވި އެއްވާހަކަ އަޅުގަނޑު ޤަބޫލުކުރާނަމެވެ. އެގޮތުގައި މަނިކުފާނަށް ނުހުންނެވުނުކަމަށް ވީނަމަވެސްމެއެވެ. މަނިކުފާނު ވިދާޅުވީމެއް ނޫންތޯއެވެ. "ޙައްޤު ހޯދަން މިއަދު ނުނިކުމެ ތިއްބާ މާދަން ނިކުންނަން ގޮވާނެ ބަޔަކުވެސް ނުތިބޭނެއެވެ." މި ނަސޭޙަތް އަޅުގަނޑު އަޑުއެހީމެވެ. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުގެ މިންވަރުން މި ހިތްދަތިކަމުން މި ޤައުމު ސަލާމަތްކުރަން މަސައްކަތްކުރާނަމެވެ. މި ޤައުމުގެ ބިން ބިދޭސީންގެ ތަރިކަމުދަލަށް ހެދުމަށް ދޫކޮށެއް ނުލާނަމެވެ. މަނިކުފާނެވެ. މިހާރުވެސް ތިޔަ ހުންނެވި ގޮތަށް ހިނިފުޅުވަޑުއްވަން ހުންނަވާށެވެ. އިރާދުކުރެއްވިއްޔާ 2019 ވަނަ އަހަރު އަޅުގަނޑު ހޭނަމެވެ.

ރައްޔިތުމީހާ
-ހިތަދޫ ދެކުނު ދާއިރާ-