މިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށައިފި އެވެ.
މި ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ބޮލީވުޑް ފިލްމެވެ. "ސިންގަމް އެގެއިން" ރޯހިތުގެ ކޮޕް ޔުނިވާސް އަށް އަޖޭ ދޭވްގަނާ އެކު ގެނެސްދެމުން އަންނަ "ސިންގަމް" ފްރެންޗައިޒްެގެ ތިން ވަނަ ބައެވެ. މީގެ ކުރީގެ ދެ ބަޔަކީ 2011 ގެ "ސިންގަމް" އާއި 2014 "ސިންގަމް ރިޓާންސް" އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ސިންގަމް އެގެއިން" އަކީ މަޝްހޫރު ގިނަ ތަރިންތަކެއް ވެސް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރާއި ދީޕިކާ ޕަދްކޯނާއި އޭނަގެ ފިރިމީހާ ރަންވީރް ސިންގް އާއި ޓައިގާ ޝްރޮފާއި އަރުޖުން ކަޕޫރްގެ އިތުރުން އަކްޝޭ ކުމާރު ހިމެނެ އެވެ.
ރަންބީރަކީ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ "ސިންގަމް އެގެއިން" ގެ ބަތަލެވެ. އަކްޝޭ އަކީ ހަމަ އެ ފްރެންޗައިޒްގެ "ސޫރިއަވަންޝީ" ގެ ބަތަލެވެ.
މިދިޔަ މަހުގެ 1 ގައި ރިލީޒްކުރި "ސިންގަމް އެގެއިން" އަކީ ބޮކްސް އޮފީހުގައި 389.64 ކްރޯޑް ރުޕީސް (46 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ. މި ފިލްމު ހެދީ 375 ކްރޯޑް ރުޕީސް (44 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ސިންގަމް އެގެއިން" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލި އިރު މި ފިލްމާ އެެއް ދުވަހެއްގައި ރިލީކުރި ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" މިއަދު ވަނީ ވާދަވެރި އަނެއް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސް އަށް ދޫކޮށްލައިފަ އެވެ.