Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އާ ޑޮމެއިން ސެޓްފިކެޓް ދޫކުރަން ފަށައިފި

ސެކިއުރިޓީ ފީޗާތަކާއެކު ވެހިކަލް ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓް ދޫކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ފަށައިފި އެވެ.

އާ ފީޗާސްތައް ހިމެނޭ ރަޖިސްޓަރީ ސެޓްފިކެޓް އެންމެ ފުރަތަމަ ލިބުނު ފަރާތަށް އިއްޔެ ލިޔުން ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

މިނިސްޓްރީން ބުނީ މިހާރު ކުރީގައި ހުރި ހުރިހާ ޑޮމެއިން ސެޓްފިކެޓްތަކެއް ބާތިލުކޮށް، ސެކިއުރިޓީ ފީޗާސްއާ އެކީ ޑޮމެއިން ސެޓްފިކެޓްގެ ރަޖިސްޓްރީ ދޫކުރަން ފެށީ ކަމަށެވެ.

މިކަން ފެށި އިރު، މިދިޔަ ސަރުކާރުގައި ޑޮމެއިން ވިއްކުމުގެ ވަގު ވިޔަފާރިގެ މައްސަލަތަކެއް ފާހަގަކުރެވިގެން އެކަން އޮތީ މިނިސްޠްރީން މަޑުޖައްސާލައިފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ކުރިން ޑޮމެއިންގެ ހިދުމަތުގެ ރެކޯޑް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮ ށްދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ނެތުމުން އާ ސަލާމަތީ ފިޔަވަޅުތަކާ އެކު ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ރައްކާތެރި ކަމެއް ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑޮމެއިންގެ ހިދުމަތައް އެދި ލިޔެކިޔުންތައް ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖެހިފަ އެވެ. އެއީ ޑޮމެއިންގެ ހިދުމަތައް ހާއްސަކޮށްފައިވާ އީމެއިލްއަށް މެއިލްކުރުން ނުވަތަ ޑޮމެއިންގެ މަސައްކަތަށް މިނިސްޓްރީން ހާއްސަކޮށްފައިވާ ކައުންޓަރަށް ހުށަހެޅުމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00-1:00 އަށެވެ.

އަދި 60 ދުވަހުގެ މުއްދަތު ހަމަވުމަށް ފަހު މިނިސްޓްރީއިން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަންޏެވެ.

މިނިސްޓްރީން ބުނީ އަމާޒަކީ އެ ހިދުމަތް އަލުން ފެށުމާ އެކީ ރެކޯޑުތައް ބަލަހައްޓައި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމާއި ހަރުދަނާ ގަވާއިދެއް އެކުލަވާ ގަވާއިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ.