މިއަދު ފާހަގަކުރާ ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ 59 ވަނަ އުފަން ދުވަހު ފޭނުންނަށް ހިތާމަވެރި ޚަބަރެއް ދީފި އެވެ.
އޭނަގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އާ ފިލްމު "ސިކަންދަރު" ގެ ޓީޒާ ދައްކައިލާނެކަން ރޭ އޮތީ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ އެކީ އިއުލާންކުރި އެވެ. ނަމަވެސް އެކަން މިހާރު މި ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.
އެގޮތަށް ނިންމި ސަބެއް ކަމަށްވާ ފިލްމު ޕްރޮޑިއުސްކުރާ ނަދިއަދުވާލާ ގްރޭންޑްސަން އިން މިއަދު ބުނީ "ސިކަންދަރު" ގެ ޓީޒާ ދައްކައިލުން މާދަމަ އަށް ފަސްކުރީ ރޭގެ ވަގުތެއްގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމުގެ ހިތާމައާ ގުޅިގެން ކަމަށެވެ.
އެހެންވެ މާދަމާ ހެނދުނު ފިލްމުގެ ޓީޒާ އާންމު ކުރާނެ ކަމަށް ބުންޏެވެ.
"ސިކަންދަރު" އަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެކެވެ. ސަލްމާން ޑަބަލް ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ "ސިކަންދަރު" އަކީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން ޑައިރެކްޓަރު އޭއާރް މުރްގަދޯސްގެ ފިލްމެކެވެ.
ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ "ސިކަންދަރު" ގެ ބަތަލާ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ 2" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ.