Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އިޒްރޭލުގެ ވަޒީރަކު އަގްސާއަށް ވަނުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ

އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު، މަސްޖިދުލްއަޤްޞާއަށް ވަދެގަތުމާއި ގުޅިގެން، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ދިވެހި ހާރިޖީއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ޙައިޘިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއިއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.

މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް މި ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުން ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.