Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

ޑާކް ރެއިނަށް ދެން އޮތީ "ފެށުމާއި ނިމުން"

ޑާކް ރެއިން އެންޓަޓައިންމަޓުން އާ ސީރީޒަކަށް ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ސްކްރިޕްޓިން މަރުހަލާގައި އޮތް މި ސީރީޒްގެ ނަމަކީ "ފެށުމާއި ނިމުން" އެވެ.

މިއީ މި މަހުގެ 30 ގައި މީޑިއާނެޓުން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ޑާކް ރެއިންގެ އާ ސީރީޒް "ރޯލީމޭ" ގެ ވެސް ސްކްރީން ރައިޓަރު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ހަމަ އެ ސީރީޒްގެ ޑައިރެކްޓަރު އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ އެއްޗެކެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުނީ "ފެށުމާއި ނިމުން" މިހާރު ލިޔަމުން އަންނަ އިރު، މީގެ ކާސްޓާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. ސީރީޒްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.

މި މަހުގެ 30 ގައި މީޑިއާނެޓްގެ އެސްއެމް ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ހަމަޖެހިފައިވާ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައި ދޭނެ "ރޯލީމޭ" އަކީ 15 އެޕިސޯޑްގެ ސީރީޒެކެވެ. މިއީ ޝަހުދާ ލިޔެ، ޑައިރެކްޓްކޮށް އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އަށް ފަހު އޭނަގެ ސްކްރީންޕްލޭއަކަށް ޑާކް ރެއިނުން ގެނެސްދޭ ފުރަތަމަ ސީރީޒެވެ.

"ރޯލީމޭ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

ޑާކް ރެއިނުން އަންނަ އަހަރު ގެނެސްދޭނެ ފިލްމަކީ އެކްޝަން ތުރިލާ "ޕްރޮޖެކްޓް 37" އެވެ. މީގެ މަސައްކަތް އެ ސްޓޫޑިއޯ އިން ކުރަމުން އަންނަނީ މި އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.