Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

ރޯލަކަށް ސާރާ އާއި ޓްރިޕްތީގެ ވާދަކުރުމެއް!

ޓްރިޕްތީ، ސޫރަޖް އަދި ސާރާ.

އަޔޫޝްމަން ކްރާނާ ބަތަލަކަށް ލައިގެން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ހަދަން ނިންމާފައިވާ ފިލްމަށް ބަތަލާއަކަށް ނަގަން ދެ ތަރިއަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފިލްމަށް ޝޯޓްލިސްޓްކުރީ ސާރާ އަލީ ޚާނާއި ޓްރިޕްތީ ދިމްރީ ކަމަށެވެ. އެހެންވެ އަޔޫޝްމަނާ އެކު ބަތަލާގެ ރޯލު ކުޅެން ނަގާނީ މި ދެ ތަރިންގެ ތެރެއިން ކޮންމެވެސް އެކަކު ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.

ފާހަގަކޮށްލަން ޖެެހޭ ކަމަކީ ސާރާ އާއި ޓްރިޕްތީ އަކީ ވެސް އަދި މިހާތަނަށް އަޔޫޝްމަނާ އެކީ މަސައްކަތްކޮށްފައި ނުވާ ދެ ބަތަލާއިންކަމެވެ. އަނެއްކޮޅުން ޓްރިޕްތީ އަކީ މި ވަގުތު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. ސޫރަޖްގެ ފިލްމުން އޭނަ އަށް ފުރުސަތު ލިބިއްޖެ ނަމަ މިއީ އަނެއްކާ ވެސް އޭނަގެ ކެރިއަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

ސޫރަޖްގެ އާ ފިލްމުގެ ބަތަލާއަކަށް ސާރާ ޝޯޓްލިސްޓްކުރި އިރު، އޭނަގެ ބައްޕަ ސައިފް އަލީ ޚާނަކީ ސޫރަޖާ އެކީ މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އެއީ 1999 ގެ "ހަމް ސާތު ސާތު ހޭ" ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޫރަޖްގެ ފިލްމަށް ސާރާ އާއި ޓްރިޕްތީ އަންނަ މަހުގެ ތެރޭގައި ސްކްރީން ޓެސްޓް ހަދާނެ އެވެ. އަދި މި އަހަރުގެ މެއި/ޖޫން ހިސާބުގައި ފިލްމުގެ ޝޫޓިން ފަށާނެ އެވެ. ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ.

ވަރަށް ކާމިޔާބު އާއިލީ ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ސޫރަޖްގެ އާ ފިލްމު އަޔޫޝްމަނާ އެކު ހަދަން ނިންމި ވާހަކަ މީޑިއާތަކުގައި މިހާރު ވަރަށް ގަދައަށް ދެކެވެމުން ދިޔަ ނަމަވެސް މިކަން ސޫރަޖާއި އޭނަގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ.

ކުރިން އަޑުއަރާފައިވާ ގޮތުން ސޫރަޖްގެ އާ ފިލްމަކީ "ޕްރޭމް ކީ ޝާދީ" އެވެ. އަދި އެ ހަދަން އޮތީ އޭނަގެ 'ޑާލިިން' ސަލްމާން ޚާން ހިމަނައިގެންނެވެ. ނަމަވެސް ސަލްމާންގެ ބަދަލުގައި އެހެން އެކްޓަރަކާ އެކީ ސޫރަޖްގެ އާ ފިލްމު ހަދަން ނިންމި އިރު، މިއީ "ޕްރޭމް ކީ ޝާދީ" ކަމަށް ވެސް އަދި ޔަގީނެއް ނޫނެވެ.

ސަލްމާނާ އެކީ ސޫރަޖް ގެނެސްދިން ފިލްމުތަކަކީ މޭނާ ޕިޔާރު ކިޔާ (1989) އާއި ހަމް އާޕް ކޭ ހޯ ކޯން (1994) އާއި ހަމް ސާތު ސާތު ހޭ (1999) ގެ އިތުރުން ޕްރޭމް ރަތަން ދަން ޕާޔޯ (2015) އެވެ. އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުުތަކަކީ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރްގެ އިތުރުން އަބީޝެކް ބައްޗަންގެ 2003 ގެ "މޭ ޕްރޭމް ކީ ދީވާނީ ހޫ" އާއި ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ 2006 ގެ "ވިވާ" އެވެ.

ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ އަމީތާބް ބައްޗަނާއި އަނޫޕަމް ކޭރްގެ އިތުރުން ބޮމަން އިރާނީއާ ހިމަނައިގެން 2022 ގައި ގެނެސްދިން "އުޗާއީ" އެވެ.