Last Updated: May 7, 18:00
Wednesday, May 7, 2025
ޚަބަރު

ޑްރަގް އެތެރެކުރީ ބޮކްސާ އާއި އިސްޓާކީނުގައި

ލައިގެން ބޮކްސާ އާއި އިސްޓާކީނު ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ލ. ގަން، ޗާންދަނީވިލާ، މުހައްމަދު ޝަފްރާން، 21، އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ވައިގެ މަގުން ރާއްޖެ އައުމުން ބަލައި ފާސްކުރި އިރު އޭނަގެ ދެ އިސްޓާކީނުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އަދި ބޮކްސާގެ ތެރެއިން ވެސް ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން ޝަފްރާން އެތެރެކުރި މަސްތުވާތަކެއްޗަކީ ޓްރެފިކިންގެ މިންގަނޑަށް ފެތޭ އަދި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެކެވެ. އެހެންވެ އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށެވެ.

ޝަފްރާން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ. އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނަގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

މީގެ ކުރިން ވެސް ބޮކްސާތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެ އެވެ.