އިރާނުން އިޓަލީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި އެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 19 ގައި ފުލުހުން ހައްޔަރުކުރީ އިޓަލީގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ސެސީލިއާ ސަލާ ކަމަށެވެ. ބަޔާނުގައި ބުނީ ނޫސްވެރިޔާ ހައްޔަރުކުރީ އިރާންގެ ވެރިރަުގައި ހުންނަ އެވިން ޖަލާ ގުޅޭ މައުލޫމާތުތަކެއް ރިޕޯޓްކުރަން އުޅެނިކޮށް ކަމަށެވެ.
ނަމަވެސް ސަލާ ހައްޔަރުކުރި ސަބަބެއް ސާފުކޮށް ދީފައި ނުވާ ކަމަށާއި ސަބަބު ހާމަކޮށްދީ، ނޫސްވެރިޔާގެ މިހާރުގެ ހާލަތު ވެސް ހިއްސާކޮށް ދޭން ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ބަޔާނުގައި ބުނީ ސަލާގެ ހާލަތު ބެލުމަަށް، އިރާންގައި ހުންނަވާ އިޓަލީގެ ސަފީރު ޕައޯލާ އަމޭޑީ އިއްޔެ ޖަލަށް ވެސް ޒިޔާރަތްކުރެއްވި ކަމައެވެ.
މި މަހުގެ 12 ގައި އިރާނަށް ދިޔަ ސަލާ އަކީ އިޓަލީގެ ދުވަހު ނޫހެއް ކަމަށްވާ 'އިލް ފޮގްލިއޯ" ގެ ރިޕޯޓަރެކެވެ.
ނޫސްވެރިޔާގެ ހައްޔަރުކުރުމާ ގުޅިގެން އެ ނޫހުން ވެސް ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަށް ހުރަސް ނޭޅުމަށް ގޮވާލައި، ނޫހުގައި އާޓިކަލެއް ގެނެސް ދީފައިވެ އެވެ. އަދި ވީހާ ވެސް އަވަހަކަށް ސަލާ ދޫކޮށްލައި، ގައުމަށް އަނބުރާ ފޮނުވައި ދޭން ވެސް އެދިފައިވެ އެވެ.