ހުޅުމާލޭގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ އަހަންނާން 51، އާއި ތުހިންމިއާ 34، ގެ އިތުރުން މުހައްމަދު ޝަޖަލާލް، 33، ކަމަށެވެ.
އެ މީހުންގެ ތެރެއިން އަހަންނާން ހައްޔަރުކުރީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނާގެ ހަރަކާތްތައް ބަލަމުން ދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށް ފަހު ދަނިކޮށް ކަމަށެވެ. އަދި އޭނަ ހުއްޓުވަން އުޅުމުން މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަހަންނާން ހައްޔަރުކޮށް، އަތިިިިރިމަތީގައި އޭނަ ފޮރުވި ފޮށިގަނޑު ނަގައި ބަލައި ފާސްކުރި އިރު ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވެ އެވެ.
އަނެއް ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން އުޅެމުން ދިޔަ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރި އިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުން ދިޔަ ކަމަށެވެ. އެތަން ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް ފެނިފައިވެ އެވެ.
މި މައްސަލައިގައި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ.