Last Updated: May 10, 20:45
Saturday, May 10, 2025
ޚަބަރު

އުޅެނީ އެޗްޑީސީ އާއި އެންސްޕާގެ ކޮރަޕްޝަން އޮއްބާލަން

މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކައިގެން އެންސްޕާ އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިޔާނާތް އޮއްބާލަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެއަށް ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ފުލުހުން ވަދެ ފާސްކޮށްފައިވާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އާއިލާއާ އެކު ނިދާފައި އޮއްވާ މޫކޭގެ ގެއަށް ފުލުހުން ވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އަދި އެއީ ކުރި ފުރައްސާރައެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓަމުން ނުދާކަން ވެސް މިކަމުޖން ދައްކުވައިދޭ ކަމަށެވެ. ބަޔާނުގައި ބުނީއެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުގެ މެންބަރުންނާއި އިސްވެރިންގެ އަގުވައްޓާލުމަށް އެއްވެސް ހެއްކެއް ނެތި މި ސަރުކާރުން ބަދަލު ހިފުމުގެ އެތައް އަމަލެއް ހިންގަމުންދާ ކަމަށާއި ޕާޓީގެ ލީޑަޝިޕާއި މެންބަރުން ފުލުހަށް ހާޒިރުކުރުމާއި، ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށާއި ތަހުގީގު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުބް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލުގެ އަރިހުން އެދިފައިވާކަން ވެސް އެމްޑީޕީން ފާހަގަކުރެ އެވެ.

އެމްޑީޕީން ބުނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭނެ ކަމަށް އެ ޕާޓީން އަބަދުވެސް ދެކޭ ކަމަށެވެ. ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދޭ ގޮތަސް ގާނޫނު އިސްލާހުކޮށްފައިވާތީ މިހާރު އެ ކޮމިޝަނަށް އޮތް އިތުބާރާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އެމްޑީޕީން ބުންޏެވެ. އެވެ.

އެ ޕާޓީން ބުނީ މިހާރު އެންމެ އިސްކަމެއް ދީގެން ބަލަން ޖެހޭނީ އެންސްޕާ އާއި އެޗްޑީސީގެ މައްސަލަތައް ކަމަށެވެ. އެކަމަކު ފެނިގެން ދަނީ ފުލުހުންނާއި އޭސީސީން ވެސް މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އޮއްބާލުމަށް އެއްބާރުލުން ދެމުންދާ ތަން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.