ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ރޯހިތު ޝެޓީގެ ފިލްމަކުން ޖޯން އަބްރަހަމަށް އަލަށް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ކަމަށެވެ. އޭނަގެ ވާހަކަ ކިޔައިދޭ ފިލްމު ހެދުމަށްޓަކައި އެކަމުގެ ރައިޓްސް ރޯހިތަށް ދީފައި ވަނީ 2022 ގަ އެވެ.
ފުލުހުންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަު ހިދުމަތް ކުރެއްވި ރާކޭޝް މުމްބާއީގެ ސީޕީގެ މަގާމު އަދާކުރެއްވީ 2014-2015 އަށެވެ.
މީޑިއާތަކުން ބުނީ ރިލަޔަންސް އެންޓަޓައިންމަންޓާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގައި ޖޯން ކުޅޭނީ ރާކޭޝްގެ ރޯލު ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މެއި/ޖޫން ހިސާބުގައި ފަށާނެ ކަމަށެވެ. ނަމަވެސް 2026 ގައި ސިނަމާތަކަށް ގެންނަން ޕްލޭންކުރާ މި ފިލްމު ޑައިރެކްޓް ކުރާނީ ސީދާ ރޯހިތު ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަމިއްލަ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަދި މިދިޔަ މަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އެވެ. އެ ފިލްމު ގެނެސްދިނުމަށް ފަހު ރޯހިތު ވަނީ އޭނަގެ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ބައި ހަދާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.