Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރަން ޔޫއޭއީއާ މަޝްވަރާކޮށްފި

ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީކުރަން ޔޫއޭއީއާއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޔޫއޭއީގެ ޝައިހް މުހައްމަދު ބިން ސުރޫރް އަލް ނަހްޔާންއާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރަން ޔޫއޭއީއާއެކު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ޔޫއޭއީ އަށް ދެމެހެއްޓެނިވި ގޮތެއްގައި މަސް އެކްސްޕޯޓް ކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން ވެސް ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ހަތަރު ސަރަހައްދެއް ކަނޑައަޅާފަ އެވެ. މި ހަތަރު ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެތެރޭގައި މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް ވަނީ މި މަސައްކަތަށް ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ މި މަސައްކަތް ކުރުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ 4 ސަރަހައްދުން ނަގާ ބިމަށް ލޭންޑް އިކުއިޒިޝަން ފައިސާ ނުނަގާ ގޮތަށާއި، ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ނުނެގުމަށެވެ. އަދި މި މަސއްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް އެތެރެ ކުރުމަށް ޑިއުޓީ މައާފު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.