Last Updated: July 16, 13:57
Thursday, July 16, 2026
މުނިފޫހިފިލުވުން

'ސިކަންދަރު' ގެ ޓީޒާ ދައްކާލައިފި

ސަލްމާން ޚާންގެ އާ ފިލްމު "ސިކަންދަރު" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އަންނަ އަހަރުގެ ފިތުރުގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެކެވެ.

"ސިކަންދަރު" ގެ ޓީޒާ މިއަދު ދައްކައިލީ އިއްޔެ ފާހަގަކުރި ސަލްމާންގެ 59 ވަނަ އުފަން ދުވަހާ ގުޅުވައި ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ޓީޒާ ދައްކައިލަން ނިންމުމަށް ފަހު، މިއަދަށް އެކަން ފަސްކުރުމަށް ފަހު އެވެ. ޓީޒާ ނެރުން ފަސްކުރީ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގަ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިކަންދަރު" އަކީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން ޑައިރެކްޓަރު އޭއާރް މުރްގަދޯސްގެ ފިލްމެކެވެ.

ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ "ޕުޝްޕާ 2" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ.
ސަލްމާން ޑަބަލް ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ "ސިކަންދަރު" ގެ ކާސްޓްގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ އަދި ޕްރަތީކް ބައްބަރް، ނަވާބް ޝާހް އަދި ސަތިއާރާޖް ހިމެނެ އެވެ.