ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓް ބޮންޑެޑް ވެއާހައުއެއްފައު ރައްކާކޮށްފައި ހުއްޓައި ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
ގެއްލިފައި ވަނީ ގާތްގަނޑަކަށް 34،500 ކާޓޫނުގެ ސިނގިރޭޓެވެ. އޭގެ އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް 47 މިލިއަން ރުފިޔާ އަރަ އެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެކަން ހިނގި ގޮތް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރު ބަލަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާންތަކެއް ވަންދެން ބޮންޑެޑް ވެއާހައުސްތައް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓްތަކުގައި ހިންގަމުން އައި ކަމަށާއި އެ ތަންތަނުގައި ދެ ތަޅު ހަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއން އެއްތަޅުގެ ތަޅުދަނޑި އޮންނަނީ ކަސްޓަމްސް އަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ސިނގިރޭޓްތަކެއް ގެއްލިފައިވާ ބޮންޑެޑް ވެއާހައުސް އަކީ ވެސް އެގޮތަށް ގެއެއްގައި ހަދާފައި ހުރި ތަނެއް ކަމަށެވެ.
ނަމަވެސް ވެރި ފަރާތުން ވެއާހައުސް ހިންގި ތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މައުލޫމާތު ކަސްޓަމްސްއަށް ލިބުމުން އެކަން ޔަގީންކޮށް ވެއާހައުސްގައި ހުރި ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެގޮތަށް ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ސަރުކާރުން ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމަ އެކަނީ "ކަސްޓަސްގެ ފުލް ކޮންޓްރޯލް" އޮންނަ ސަރުހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު މިހާރު ތަންފީޒުކުރަމުން އަންނަ ކަމަށެވެ.