ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސެނަން މިހާރު ޒުވާން ވިޔަފާވެރިޔަކާ ޑޭޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފަހުން ކްރިތީ، 34، އާ އެކީ އެކި ތަންތަނުން ފެނިފައިވާ އަދި އޭނައާ އެކީ ޗުއްޓީ ދަތުރުތަކުގައި ވެސް މި ފަހުން ވަރަށް އާންމުކޮށް ބައިވެރިވަމުން އަންނަކަން ފާހަގަކުރެވޭ ބައިވެރިޔާ އަކީ ކަބީރް ބަހިއާ، 25، ކިޔާ ވިޔަފާވެރިއެކެވެ. ކްރިތީ އިންސްޓަގްރާމް ސްޓޯރީގައި ވެސް އެކި ފަހަރު މަތިން ކަބީރާ އެކީ ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ.
އެކަމަކު އޭނައާ ރައްޓެހިވެގެން އުޅޭކަން ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކަބީރަކީ އެމެރިކާގެ ނިއު ޔޯކްގައި އާއިލާއާ އެކީ ދިރިއުޅެމުން އަންނަ މީހެކެވެ. އޭނަ އަކީ ވޯލްޑްވައިޑް އޭވިއޭޝަން އެންޑް ޓުއަރިޒަމް ލިމިޓެޑްގެ ބާނީ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
ޓައިގާ ޝްރޮފާ އެކީ 2014 ގެ "ހީރޯޕަންތީ" އިން ބޮލީވުޑަށް ނުކުތް ކްރިތީ އަކީ މިހާރު އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ބްލޫ ބަޓަފްލައި ފިލްމްސްގެ ފުރަތަމަ ފިލްމަކީ ކްރިތީ އާއި ކާޖޮލް ކުޅެ މިދިޔަ އޮކްޓޯބަރުގައި ގެނެސްދިން މިސްޓްރީ ތުރިލާ "ދޯ ޕައްތީ" އެވެ.
ކްތިރީ ކުރިން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ ރައްޓެހިވިކަމުގެ އަޑުތަކެއް ވަރަށް ގަދަ އަށް އެރި އެވެ. ދެ ތަރިން އެކީގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ 2017 ގެ "ރާބްތާ" އެވެ. ސުޝާންތު ވަނީ 2020 ގައި ދަންޖެހިގެން މަރުވެފަ އެވެ.