ކްރިސްމަސް ފާހަގަކުރަން ބްރެޒިލްގެ އާއިލާއަކުން އެޅި ކޭކެއް ކައިގެން ވިހަވެ، ތިން މީހަކު މަރުވެ، އިތުރު ދެ މީހަކަށް ފަރުވާ ދެމުން ދޭން ޖެހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭކު ކައިގެން ވިހަވެ، ހާލު ދެރަވެގެން ފަރުވާ ދެނިކޮށް މަރުވީ ކޭކު އެޅި އަންހެން މީހާގެ އާއިލާގެ ތިން އަންހެނެކެވެ. އެއީ 65، އާއި53 ގެ އިތުރުން 43 އަހަރުގެ މީހެކެވެ.
ފަރުވާ ދެމުން އަންނަނީ ކޭކު އެޅި މީހާއަށާއި އާއިލާ އަށް ނިސްބަތްވާ 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މި ހާދިސާއާ ގުޅިގެން އެ މީހުންގެ ހަށިގަނޑުން ލޭ ނަގައި ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ލެއިން ވަނީ ވިހަ މާއްދާއެއް ކަމަށްވާ އާސެނިކްގެ އަސަރު ފެނިފަ އެވެ. އަދި ކޭކު ތަހުލީލަށް ފޮނުވާފައިވާ އިރު، ކޭކު އަޅަން މުއްދަތު ހަމަވެފައި ހުރި ގިނަ ތަކެތި ބޭނުންކޮށްފައިވާކަން ކޭކު އެޅި އަންހެން މީހާގެ ގެއިން ފެނިފައިވާ ތަކެތިން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކްރިސްމަސް ފާހަގަކުރަން އެޅި ކޭކު ކައިގެން އާއިލާގެ ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ އިރު، ކޭކު އެޅި 61 އަހަރުގެ އަންހެން މީހާގެ ފިރިމީހާ ވެސް ކާނާ ވިހަވި ހާދިސާއެއްގައި މިދިޔަ ސެޕްޓެމްބަރުގައި މަރުވެފައިވެ އެވެ.
ނަމަވެސް އެ މަރުގައި ޝައްކު ކުރެވޭ އިތުރު ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޭކު ވިހަވި މައްސަލަ ފުލުހުން މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްފެ ގޮތުގައި ބަލަމުންނެވެ.