އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންހް އަވަހާރަވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުވި ތައުޒިޔާ ދަފްތަރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ސޮއިކުރައްވައިފި އެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި މެސެޖުގައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑރ. މަންމޯހަން ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވައި، އެ ޒިޔާރަތްވެގެންދިޔައީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަކޮށްދިން ގުޅުމަކަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑރ. މަންމޯހަންގެ ޢާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.
އުމުރުފުޅުން 92 އަހަރުގައި މަންމޯހަން އަވަހާރަވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 ގެ ނިޔަލަށެވެ.