Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ދެ މިނިސްޓްރީއަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖައްސައިފި

މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުންގެ މަޖިލީހަށް ގެނާއި ބަދަލާއި ގުޅިގެން، އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް، ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު އުވާލެއްވުމަށްފަހު އެ މިނިސްޓްރީގެ ދަށުން ކުރަމުން އައި ބައެއް މަސައްކަތްތައް އެހެނިހެން މިނިސްޓްރީތަކުގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިނގަމުން އައި ޕްލޭނިންގެ މަސައްކަތްތައް މިނިސްޓްރީގެ އޮފް ފިނޭންސްގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.

މީގެއިތުރުން ހައުސިން މިނިސްޓްރީން ކުރަމުން އައި ގެދޮރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީ އުވައިލެއްވުމާއެކު އެ ވުޒާރާގެ މިނިސްޓަރުކަމުގައި މިހާތަނަށް ހުންނެވި ޑރ.އަލީ ހައިދަރު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓު އެންޑް ލޭބާގެ މަގާމަށް ވަނީ އައްޔަންކުރައްވާފަ އެވެ. އަދި އެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ.މަރިޔަމް މާރިޔާ ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް ބަދަލުކުރައްވާފަ އެވެ.