ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ އިމާރާތެއް ބޭނުން ވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. ބޭނުން ވަނީ 10،000 އަކަފޫޓަށް ވުރެ ކުޑަ ނޫން އިމާރާތެކެވެ.
އެހެންވެ ފެނަކައިގެ ހެޑް އޮފީސް ހިންގަން އިމާރާތެއް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 9 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ އެ ފަރާތެއްގެ ފުރިހަމަ މައުލޫމާތު މި މެއިލަށް tender.registration@fenaka.mv ފޮނުވައިގެންނެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000ރ. ހުށަހަޅަން ވެސް ޖެހެ އެވެ.
ފެނަކަ އިން ބުނީ ހެޑް އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކުރީ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.
ފެނަކަ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ދަށް އެއް ކުންފުންޏެވެ.