Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ފައްޔާޒަކީ ވައްކަން ކުރާނެ މީހެއް ނޫން: އިބްރާ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަކީ ވައްކަން ކުރާނެ މީހެއް ނޫން ކަމަށް، ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ފައްޔާޒާއި ދެބަސްވާ ކަންކަން ހުންނަ ކަމަށާއި ނަމަވެސް ފައްޔާޒަކީ ވައްކަންކުރާނެ އަދި ޚިޔާނާތްތެރިއެއް ނޫން ކަމަށެވެ.

"އިންޞާފުވެރި ޝަރީޢަތަކުން ސާބިތުނުވާހައި ހިނދަކު، އެކަމުގައި އަހުރެން އޭނާ ދިފާޢުކުރާނަމެވެ،" އިބްރާ ވިދާޅުވި އެވެ.

އިބްރާ މިހެން ވިދާޅުވި އިރު، ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން އަދާކުރެއްވި ފައްޔާޒު އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން މިހާރު ވަނީ ފަށައިފަ އެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވާލާފަ އެވެ.

ސެޓްލްމަންޓް ކޮމެޓީ އުވާލިއިރު އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަހުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ކުރީ ސަރުކާރުން ބަދަލު ދިނުމަށް ހަދާފައިވާ 9 އެއްބަސްވުމެއް ބާތިލު ކޮށްފަ އެވެ.