Last Updated: July 26, 11:51
Sunday, July 26, 2026
ޚަބަރު

ރޭގަނޑު ދަންވަރު ގޭގެއަށް ވަދެ ސަކަރާތް ޖަހާކަށް ނުޖެހޭ

ރޭގަނޑު ދަންވަރު ފުލުހުން ގޭގެއަށް ވަދެ ސަކަރާތް ޖަހަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަނަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށްފަ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓު އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ހިޔާނާތް ހިންގާފައިވާނަމަ ވަކި މީހަކު އިސްތިސްނާއެއް ނުކޮށް އެންމެންގެ މައްސަލަތައް ވެސް ބަލަންވާނެ ކަމަށާއި އަދި ކޯޓު އަމުރު ހޯދައިގެން އެފަދަ މީހުންގެ ގެތަށް ބަލައި ފާސްކުރުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް މިފަދަ އަމުރުތައް ހިފައިގެން ގޭގެ އަށް ވަންނަން ޖެހޭނީ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަރާމުގެ ވަގުތުގައި ތިއްބާ ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

މިއީ ތަހުޒީބީ މުޖުތަމައުއެއްގައި ކަންކަން ކުރާ ގޮތެއް ނޫން ކަމަށާއި މިފަދަ ކަންކަން ދުވާލުގެ ވަގުތުގައި ވެސް ކުރެވިދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކޮންމެހެން ދަންވަރު ގޭގެއަށް ވަދެގެން، ބިރުވެރިކަމުގެ ތެރެއަށް ތުއްތު ކުދިންނާއި ދޮށީ މީހުން ވައްދައިގެން، މި ސަކަރާތް ޖަހާކަށް ނުޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ކޯޓު އަމުރު ހިފައިގެން ރަނގަޅު ގަޑިތަކުގައި ފުލުހުން މީހުންގެ ގެތަކަށް ހަމަ ދާންވީ ކަމަށާއި އެއްގޮތަކަށް ވެސް މިއީ ރޭގަނޑު ދަންވަރު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރިޔަސް ވަގުން ހިފަން އުނދަގުލެއް ނުވާނެ ކަމަށާއި ފުލުހުންނަށް މީހުން ކުރާ އިހުތިރާމް އަނބުރާ ހޯދަން މިފަދަ ނާތަހުޒީބު އަމަލުތަކާއި ދުރަށް ޖެހިލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.